އިލެކްޝަންސް ކޮމިޝަން-
އިލެކްޝަންސް ކޮމިޝަން-
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކުވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އަހަރީ އޮޑިޓް ރިޕޯޓް، ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ ބައެއް ސިޔާސީ ޕާޓީތައް ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފިޔަވަޅު އަޅާފައިވަނީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކަށް ބައެއް ޕާޓީތަކުން އިހުމާލުވެފައިވާތީއެވެ. ސިޔާސީ ޕާޓީތަކުގެ ހިސާބުތައް ބަލަހައްޓައި، އޮޑިޓް ރިޕޯޓް ހުށަހެޅުމަކީ ޕާޓީތަކުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް ގާނޫނުން މަޖުބޫރުކުރާ ކަމެކެވެ.

ކޮމިޝަނުން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، މިހާތަނަށް ގަވާއިދުން އަދި މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އެކަންޏެވެ. މީގެ އިތުރުން، އެމް.ޑީ.ޕީ އިން ރިޕޯޓް ހުށަހަޅާފައިވީ ނަމަވެސް، އެ ޕާޓީން ރިޕޯޓް ހުށަހެޅީ ކަނޑައެޅިފައިވާ ސުންގަޑި ހަމަވި ފަހުން ކަމަށް ކޮމިޝަނުން ފާހަގަކުރެއެވެ.

އޮޑިޓް ރިޕޯޓް ހުށަނޭޅުމުގެ ސަބަބުން ޖޫރިމަނާކުރި ޕާޓީތަކުގެ ތެރޭގައި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) ހިމެނެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ އިހުމާލުތަކަށް ކޮންމެ ޕާޓީއެއް 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ދައުލަތުގެ ބަޖެޓުން އެ ޕާޓީތަކަށް ދޫކުރާ ފައިސާގެ އެހީގެ ތެރެއިން އެ އަދަދު އުނިކުރެވޭނެ ކަމަށެވެ. މިއީ ސިޔާސީ ޕާޓީތަކުގެ މާލީ ހިސާބުތައް ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމަށާއި، ގާނޫނީ ޒިންމާތަކަށް ޕާޓީތައް އަހުލުވެރިކުރުވުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް އެ ކޮމިޝަނުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު