ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
އިންސާނާގެ ދިރިއުޅުމާއި ގައުމުގެ އިގްތިސާދުގެ މައިބަދައަކީ ވަޒީފާ ކަމަށްވާއިރު، އެއްވެސް ރޭވުންތެރިކަމެއް ނެތި ސިޔާސީ ބޭނުންތަކަށްޓަކައި ވަޒީފާތަކާ ކުޅުމަކީ ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ސިފަކުރައްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަސީމް ވަނީ މިހާރު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންސާނެއްގެ ދިރިއުޅުމުގެ ބެކްބޯން ނުވަތަ މައިބަދައަކީ އޭނާ އަދާކުރާ ވަޒީފާއެވެ. ހަމައެފަދައިން ގައުމެއްގެ އިގްތިސާދީ ދިރުން ގުޅިފައިވަނީ ވެސް ވަޒީފާގެ ފުރުސަތުތަކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަސީމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ސިޔާސީ ބޭނުންތަކަށްޓަކައި ވަޒީފާތަކަށް ބަދަލު ގެނައުމާއި، މީހުން ވަޒީފާ އިން ވަކިކުރުމަކީ "ކުރަން ހެޔޮނުވާނެ" ކަންތައްތައް ކަމަށެވެ. އަދި މިހާރު ގައުމުގެ މާލީ ހާލަތު އޮތް ގޮތުން ފައިސާގެ އަގު ވެއްޓިފައިވާކަން ފާހަގަކުރައްވައި، ދެން އޮތް ނުރައްކަލަކީ ވަޒީފާގެ ދާއިރާ ނުވަތަ އެމްޕްލޯއިމެންޓް ސެކްޓަރު ހަލާކުވެގެން ދިއުން ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

"ފައިސާގެ އަގުވެއްޓިއްޖެ. ދެން ހަލާކުކޮށްލަންވީ އެމްޕްލޯއިމެންޓު" ނަސީމްގެ ޕޯސްޓުގައި ވެއެވެ.

ނަފާ ނަސީމް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް 3 މަސްދުވަހުގެ މުއްދަތެއް ޕީސީބީއިން ދިނުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު