ލަމިން ޔަމާލް، އޭނާގެ ބައްޕަ އާއި ކޮއްކޮ
ލަމިން ޔަމާލް، އޭނާގެ ބައްޕަ އާއި ކޮއްކޮ
ފައިނަލް މެޗުން، ލަމީން ޔަމާލްގެ ބައްޕަ މުނީރު ނަސްރާވީ ނުފެނުމަކީ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނު ކަމެކެވެ.

ޔަމާލްގެ މަންމައާއި ކޮއްކޮގެ އިތުރުން އާއިލާގެ އެހެން މެންބަރުން ދަނޑުގައި ތިބެ އޭނާއަށް ހިތްވަރު ދެމުންދިޔައިރު، ބައްޕަ ދަނޑަށް ނުދިޔައީ ސިއްހީ ސަބަބަކާ ހުރެއެވެ. މުނީރު ނަސްރާވީއަކީ ފިިޓުޖެހޭ ބައްޔެއް ނުވަތަ އެޕިލެޕްސީ ތަހައްމަލު ކުރަމުންދާ މީހަކަށް ވުމުން، ދުރު ދަތުރުތައް ކުރުމާއި ބޮޑެތި މެޗުތަކާ ގުޅިގެން ކުރިމަތިވާ ނަފްސާނީ ޕްރެޝަރަކީ އޭނާގެ ސިއްހީ ހާލަތު ގޯސްވެދާނެ ކަންކަމެވެ. މިހެންކަމުން މި ތާރީޚީ މެޗު ދަނޑަށް ގޮސް ބެލުމުގެ ބަދަލުގައި ގޭގައި ހުރުމަށް ޔަމާލްގެ ބައްޕަ ނިންމީ، މެޗުގެ ފޯރިއާއި ޕްރެޝަރުގެ ތެރޭގައި އޭނާއަށް ފިިޓު ޖެހިދާނެތީ އެކަމާ ކަންބޮޑުވާތީއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން މުނީރު ބުނީ، އޭނާއަކީ ކޮންމެ ދުވަހަކު ގިނަ ބޭސްތަކެއް ބޭނުންކުރަން ޖެހޭ މީހެއް ކަމަށާއި، ކޮންމެ ވަގުތަކުވެސް ފިިޓު ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، މެޗްތައް ބެލުމަށް ދަތުރުކުރުމުގެ ކުރިން އަމިއްލަ ސިއްހަތަށާއި، ދަރިފުޅުގެ މަސްލަހަތަށް އަދި ވަށައިގެން ތިބޭ އެހެން މީހުންނަށްވެސް ވިސްނަން ޖެހޭކަމަށެވެ.

ޔަމާލްގެ ފުޓްބޯޅަ ކެރިއަރުގައި އާއިލާގެ ދައުރު ބޮޑުކަން އޭނާ އަބަދުވެސް ފާހަގަކުރެއެވެ. ޚާއްސަކޮށް ބައްޕައަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅުން ފެށިގެން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތުގެ ގޮތުގައި މީގެ ކުރިންވެސް ޔަމާލް ފާހަގަކޮށްފައިވެއެވެ.

ރޭ ކުޅުނު ވޯލްޑްކަޕް ފައިނަލް މެޗުން ސްޕެއިން ވަނީ 1-0 އިން އާޖެންޓީނާ ބަލިކޮށް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ. މިއީ ޔަމާލްގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަށްވާއިރު، އޭނާގެ ބައްޕަ މި ތާރީޚީ ވަގުތު ފާހަގަކުރީ އަމިއްލަ ގޭގައި ރައްކާތެރިކަމާއެކު ހުރެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު