މުހައްމަދު ކައުސަރު ހުސައިން
މުހައްމަދު ކައުސަރު ހުސައިން
ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ފައިސާއާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑު 11:55 ހާއިރު ހިންގި މި އޮޕަރޭޝަނަކީ، ސައިކަލެއްގައި މީހަކު ބަނގުރާ ހިފައިގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ މުހައްމަދު ކައުސަރު ހުސައިންނެވެ.

ފުލުހުން ބުނީ، މައުލޫމާތު ލިބުމާއެކު ހުޅުމާލޭ މިދިލިމަގުން އެ ސައިކަލު ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ބަލައި ފާސްކުރިއިރު، ތަފާތު ބްރޭންޑްތަކުގެ ޖުމްލަ 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބަނގުރަލުގެ އިތުރުން، އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވެއެވެ. އޭގެ ތެރޭގައި 31،375 ދިވެހި ރުފިޔާގެ އިތުރުން، ލަންކާގެ 1,050 ރުޕީސް ހިމެނޭ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުންގެ އިދާރާއިން އިތުރަށް ބުނީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ބަނގުރަލުގެ ވަގު ވިޔަފާރި ހުއްޓުވުމަށް ފުލުހުން އަންނަނީ މާލެ ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު