މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ މައްސަލަ ދައުލަތުން އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗަށެވެ. ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، ދިވެހި ފިރިހެނެއްގެ އަތުގައި އޮރިޔާންކާޑު ހުރިކަމަށް ބުނެ ބިރުދައްކައި، އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 19 ޑިސެމްބަރު 2024 ގައެވެ.

މި މައްސަލައިގައި ފަވާޒްގެ މައްޗަށް ބްލެކްމެއިލް ކުރުމުގެ ދައުވާ ދައުލަތުން އުފުލި ނަމަވެސް، މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ހައިކޯޓުން މި މައްސަލަ ނިންމިއިރު ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވެއެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އަދި ފަނޑިޔާރު އިސްމާއިލް ޝަފީއުގެ އަޣުލަބިއްޔަތުން ނިންމެވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ހައިކޯޓުގެ މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ފަވާޒް ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، ބްލެކްމެއިލް ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ސިމްކާޑުތަކާއި ފޯނުތަކުގެ އިތުރުން، މަސްތުވާތަކެއްޗާއި އެ ތަކެތި ބޭނުންކޮށް ވިޔަފާރިކުރަން ގެންގުޅޭ ސާމާނުވެސް ފެނިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު