އެމްބާޕޭ އާއި ލަމީން ޔަމާލް
އެމްބާޕޭ އާއި ލަމީން ޔަމާލް
ވަރުގަދަ ފްރާންސްގެ މައްޗަށް 2-0 އިން ކުރިހޯދައި، ސްޕެއިން އިން މިއަހަރުގެ ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މެޗުގެ ދެ ހާފުގައި ސްޕެއިން އިން ޖެހި ލަނޑުތަކާއެކު ފްރާންސްގެ މައްޗަށް އެޓީމުން ކުރިހޯދިއިރު، މިއީ ސްޕެއިން އިން ތާރީޚީ ކާމިޔާބީއަކާ ދިމާލަށް ކުރަމުންދާ ދަތުރުގައި ހޯދި މުހިންމު މޮޅެކެވެ.

އެމެރިކާގެ ޓެކްސަސްގެ އާލިންގޓަންގައި ހުންނަ ޑަލަސް ސްޓޭޑިއަމްގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 22 ވަނަ މިނެޓުގައި ލަމީން ޔަމާލަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މިކޭލް އޮޔަރޒަބަލް ވަނީ ސްޕެއިނަށް ލީޑު ނަގައިދީފައެވެ. މުޅި ފުރަތަމަ ހާފުގައި ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއިރު، ފްރާންސަށް އެދެވޭ ހަމަލާތަކެއް އުފެއްދުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިވިއެވެ.

ސްޕެއިނުން މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދީ 58 ވަނަ މިނެޓުގައި ފެނިގެންދިޔަ ހިތްގައިމު ދެވަނަ ލަނޑުންނެވެ. މިއީ ޑެނީ އޮލްމޯ ދިން ތަނަވަސް ފުރުސަތަކުން، ޓީމުގެ މޮޅު ޕާސިންގް ގޭމަކަށްފަހު ޕެޑްރޯ ޕޯރޯ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ފްރާންސްގެ މައްޗަށް އޮތް ޕްރެޝަރު ބޮޑުވެ، މެޗުގެ ތެރެއަށް އެނބުރި އައުމަށް އެ ޓީމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވިއިރު، ކިލިއަން އެމްބާޕޭ އާއި އޭނާގެ ޓީމުން މެޗުގެ ފަހުކޮޅު ކުރި ހުރިހާ މަސައްކަތެއް ސްޕެއިންގެ ވަރުގަދަ ޑިފެންސުން ވަނީ ބޭކާރުކޮށްލާފައެވެ.

ނޮކައުޓް ބުރުގައި ޕޯޗުގަލް އާއި ބެލްޖިއަމް ފަދަ ވަރުގަދަ ބާރުތައް ކަޓުވާލުމަށްފަހު ހޯދި މި މޮޅާއެކު، ސްޕެއިންގެ މޮޅު ކުޅުމާއި ޓެކްޓިކަލް ވަރުގަދަކަން މިވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. މި ނަތީޖާއާއެކު ފްރާންސަށް ދެން އޮތީ ތިންވަނަ ހޮވާ މެޗަށް ތައްޔާރުވުމެވެ. އަދި މުބާރާތުގެ ތަށި އުފުލާލުމާ އެންމެ ފިޔަވަޅަކާ ގާތަށް ޖެހިލި ސްޕެއިން ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑާއި އާޖެންޓީނާ ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއެވެ.



ކިޔުންތެރިންގެ ހިޔާލު