ޕީއެންސީގެ އިންތިހާބުގެ ތެރެއިން ހަމަނުޖެހުން ހިންގި މީހުން-
ޕީއެންސީގެ އިންތިހާބުގެ ތެރެއިން ހަމަނުޖެހުން ހިންގި މީހުން-
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން، ތުހުމަތުކުރެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއާއެކު މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުންގެ ޖުމުލަ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ސްކޫލުގައި ޕީއެންސީގެ އިންތިހާބުގެ ވޯޓު ގުނަމުން ދަނިކޮށެވެ. އެ ރޭ ބަޔަކު ގްރޫޕަކުން ސްކޫލް ތެރެއަށް ވަދެގަނެ، އެތަނުގެ މުދަލަށް ގެއްލުންދީ، އެ ވަގުތު ތިބި މީހުންނަށް ވަނީ ހަމަލާދީފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ބައެއްގެ ދެމެދުގައި ހިނގި މި ހަމަނުޖެހުމުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދީ ބޮޑެތި މާރާމާރީތަކެއް ހިންގާފައިވެއެވެ.

އެ ވަގުތު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސްކޫލުގައި ތިބި ފުލުހުން މަސްލަހަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަނުޖެހުން މައިތިރި ނުވެ ގިނަ އިރުތަކަކަށް ދެމިގެން ދިޔައެވެ.

މި މައްސަލައިގައި މީގެ ކުރިން ފުލުހުން ވަނީ 23 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް