މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަލައި ފާސްކުރި ކާރަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނު މައްސަލައެއްގައި، ގދ. މަޑަވެލީ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. މަޑަވެލި، ލަގްޒަރީ، ޤައިސް ޢަބްދުﷲ އަނީސް (27 އަހަރު) އެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުގައިވާ ގޮތުން، ޤައިސް ދުއްވަަނިކޮށް އެކްސިޑެންޓުވި ކާރުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. މީގެ އިތުރުން، އޭނާ ހައްޔަރުކުރުމަށްފަހު ހެދި ކުޑަކަމުދާތަކެތީގެ ވަގުތީ ޓެސްޓުން، މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ ސީއޭޓީ އަދި އޭއެމްޕީ އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޤައިސް އަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކުގެ ރެކޯޑު އޮތް މީހެކެވެ. މިއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބަލައި، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިއްޔެއިން ފެށިގެން ދީފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ޤައިސް ވަނީ އޭނާގެ ދިފާއުގައި ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތަކަށް އެދިފައެވެ. ކޯޓުން އެފުރުސަތު ދީފައިވާއިރު، ވަކީލަކު އައްޔަނުކުރުމަށްފަހު އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު