އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
މާލޭ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި، ވާހަކަދެއްކި ބޭފުޅުންނަށް ފުރައްސާރަކޮށް ޖަލްސާގެ ނިޒާމު ގެއްލުވާލި މައްސަލާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޫސަ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީގެ އެ ބައްދަލުވުން ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި އެ ޖަލްސާގައި ވާހަކަދެއްކި ކޮންމެ މީހަކަށް ތަކުރާރުކޮށް ފުރައްސާރަކޮށް ހަޅޭއްލަވަމުން ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަން ކުރި މީހާގެ ފޮޓޯ ހިއްސާކުރައްވަމުން މޫސަ ވިދާޅުވީ، އެއީ މާލޭގެ "އިއްޒަތްތެރި" އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށާއި، އެ ބޭފުޅާއާ ބެހޭގޮތުން ބަހެއް ބުނާއިރު އޭނާ ނިސްބަތްވާ ގޭގެ ނަން ބުނަން ޖެހުނީތީ ވަރަށް ދެރަވާ ކަމަށެވެ.

މޫސަގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކިތަންމެ މޮޅަށް ކިޔަވައިގެން ސަނަދުތައް ހާސިލްކޮށްފައި ހުރި ނަމަވެސް، އާންމު ފޯރަމްތަކުގައި ވާހަކަދައްކަން ތިބޭ މީހުންނަށް ފުރައްސާރަކޮށް، ފަހަތުން ހަޅޭއްލަވައިގެން އަބަދަކު ނިކަމެތިންނަށް "ބުލީ" ނުކުރެވޭނެއެވެ.

މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި މި ޖަލްސާއަކީ މާލޭގެ ތަރައްޤީއާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ނަމަވެސް ޖަލްސާގެ ތެރެއިން ބައެއް ފަރާތްތަކުން އަޑުގަދަކޮށް، ވާހަކަދައްކަން ތިބި މީހުންނަށް ހުރަސްއެޅުމުގެ ސަބަބުން ބައްދަލުވުމުގެ މަގުސަދު ގެއްލިގެންދިޔަ ކަމަށް މޫސަގެ ވާހަކައިން ދޭހަވެއެވެ.

މޫސާ މަނިކު ވަނީ މިފަދަ ކަންކަމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި، ކިޔަވައިގެން ތިބި އިލްމީ ބޭފުޅުންގެ ފަރާތުން މިފަދަ އަޚުލާގީ މައްސަލަތައް ފެނުމަކީ ހިތާމަހުރި ކަމެއްކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު