މާލޭގެ މަގުމަތި ފެންބޮޑުބެފަ އޮތް ދުވަހެއް ގައި
މާލޭގެ މަގުމަތި ފެންބޮޑުބެފަ އޮތް ދުވަހެއް ގައި
މާލޭގެ މަގުތައް ހެދުމުގެ މައްސަލައަކީ ސަރުކާރުތައް ބަދަލުވަމުން ދިޔަ ނަމަވެސް، ނިމުމެއް ނެތް ވާހަކައަކަށް ވަނީ ބަދަލުވެފައެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަން ނިމުމަށްފަހު، ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުންވެސް މަގު ހެދުމަކީ އެންމެ މުހިންމު އެއް ވަޢުދުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މަގުތައް މަރާމާތުކޮށް އަލުން ތަރައްޤީކުރުމަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ރުފިޔާ ކަނޑައަޅައި، ކޮންމެ ސަރުކާރަކުންވެސް އުންމީދީ ރޭވުންތަކެއް އިޢުލާންކުރެއެވެ. ނަމަވެސް، މާލޭގެ ރައްޔިތުންނަށް އަބަދުވެސް ތަހައްމަލުކުރަން ޖެހެނީ އެއް ދަތިތަކެކެވެ.

މަގުތައް ކޮނެ، އަމަލީ މަސައްކަތް ފެށުމާއެކު ދަތުރުފަތުރަށް ހުރަސް އެޅި، މަސްތަކެއް ވަންދެން އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގެއްލުންވެ، ފައިމަގުގައި އުޅޭ މީހުންނަށް ނުރައްކާތައް ކުރިމަތިވެ، ދިރިއުޅުމުގެ އާންމު ހާލަތު އިންތިހާއަށް ދަތިވެގެން ދެއެވެ. ގިނަ ފަހަރަށް މިފަދަ މަޝްރޫޢުތައް ނުނިމި އުޅެނިކޮށް ސަރުކާރުގެ ދައުރު ހަމަވެގެންދާ މަންޒަރުވެސް ފެނެއެވެ.

އައު ސަރުކާރަކުން ވެރިކަމާ ހަވާލުވުމަށްފަހު، ކުރިން ފެށިފައިވާ މަސައްކަތްތައް ނިންމުމުގެ ބަދަލުގައި ފެންނަނީ، ކުރީ ސަރުކާރުގެ ރޭވުންތެރިކަން ކުޑަކަމާއި މަސައްކަތުގެ ފެންވަރު ދަށްކަމަށް ބުނެ ފާޑުކިޔާ މަންޒަރެވެ. އައު ވަޢުދުތަކާއެކު އައު އެއްބަސްވުންތައް ހެދި، ކުރިން ހެދި މަގުތައް އަނެއްކާވެސް ކޮނެ، އައު ޕްލޭނެއްގެ ދަށުން މަސައްކަތް ފެށުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. ނަމަވެސް، މިއަދުވެސް މާލެއަށް ކުޑަކޮށް ވާރޭ ވެހިލާއިރަށް މަގުތައް އޮންނަނީ ފެންބޮޑުވެ، ކޯރުތަކަކަށް ބަދަލުވެފައެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފައިމަގުގައި އުޅޭ މީހުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވެއެވެ. ވަކިން ޚާއްޞަކޮށް، ގޭގެއިން ނެރެފައި ހުންނަ ކުނި ކޮތަޅުތަކުން ބޭރުވާ ނަޖިހާއި ކުނި، މަގުމަތީގައި ހެދިފައި ހުންނަ ފެންގަނޑާ އެކުވެ، ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދުތަކުގައި ދާ މީހުންގެ ހަށިގަނޑަށާއި އަންނައުނަށް ބުރައި ނަޖިސްވުމަކީ ނުހަނު ހިތާމަވެރި ކަމެކެވެ. ބޮޑެތި ޚަރަދުތަކެއް ކޮށްގެން ހިންގާ މަޝްރޫޢުތަކުން މިފަދަ އަސާސީ މައްސަލަތަކަށް ދާއިމީ ޙައްލެއް ނުލިބޭތީ އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ވަނީ މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާނެކަމަށް ވަޢުދުވެފައެވެ. މި މަސައްކަތުގެ ތެރެއިން މި ދާއިމީ މައްސަލައަށް ހަގީގީ ޙައްލެއް ލިބޭނެތޯ ބެލުމަށް ރައްޔިތުން ތިބީ އުންމީދާއެކުގައެވެ.

މީގެ އިތުރުން، ބޮޑެތި މަޝްރޫޢުތައް ހަވާލުކުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަމާ މެދުވެސް އާންމުން ސުވާލު އުފައްދައެވެ. ސިޔާސީ ވަފާތެރިކަމަށްވުރެ ބޮޑަށް، ތަޢުލީމީ ގޮތުންނާއި ފަންނީ ގޮތުން އެކަމަށް އެންމެ އެކަށޭނަ މީހުންނާ މިފަދަ މަސައްކަތްތައް ހަވާލުކުރުމަކީ މަޝްރޫޢުތައް ކާމިޔާބުވުމުގެ އަސާސެވެ. ހަމައެއާއެކު، މަޝްރޫޢުތަކުގައި އިހުމާލުވާ ނުވަތަ ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެހެން މަޤާމުތަކަށް ބަދަލުކުރުމަކީ ޒިންމާދާރުކުރުވުމުގެ ނިޒާމާ މެދު އިތުބާރު ގެއްލޭ ކަމެކެވެ.

އަނެއްކޮޅުން، އުޅަނދުފަހަރުގެ 'ރޯޑްވޯދިނަސް' ހެދުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމަކަށް ވާއިރު، މަގުތަކުގެ ހާލަތު އެ ފެންވަރުގައި ހުރޭތޯ ރައްޔިތުން ސުވާލުކުރެއެވެ. އެކި ނަންނަމުގައި ފީތައް ނަގަމުންދާއިރު، މަގުތަކުގެ ވަޅުގަނޑުތަކާއި ފެންބޮޑުވުމުގެ މައްސަލައަށް ބަދަލެއް ނާންނާތީ، އެ ފައިސާ ޚަރަދުކުރެވޭ ގޮތުގެ ދެފުށް ފެންނަ މަޢުލޫމާތު ހާމަކުރުމަކީ އާންމުން ބޭނުންވާނެ ކަމެކެވެ.

ކޮންމެ ސަރުކާރަކުންވެސް އުންމީދީ ވަޢުދުތަކެއް އިއްވި ނަމަވެސް، ރައްޔިތުންނަށް މިއަދު މުހިންމީ އަމަލީ ނަތީޖާއެވެ. މަގު ހެދުމަކީ ސިޔާސީ ވާދަވެރިކަމަކަށް ވުމުގެ ބަދަލުގައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތަކަށް ވާންޖެހެއެވެ. ވެރިކަން ބަދަލުވިނަމަވެސް، ފެށިފައިވާ މަޝްރޫޢުތައް މެދުނުކެނޑި، ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މާލޭގެ ރައްޔިތުން ބޭނުންވަނީ ހަރުދަނާ ފެންހިންދާ ނިޒާމަކާއެކު، ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު މަގުތަކެކެވެ. އައު އިޢުލާންތަކުގެ ބަދަލުގައި، ރައްޔިތުން އެދެނީ އިޚްލާޞްތެރިކަމާއެކު މަސައްކަތްތައް ނިންމައި، މި ދާއިމީ ތަކުލީފަށް ނިމުމެއް އައުމަށެވެ.



ކިޔުންތެރިންގެ ހިޔާލު