އަޙްމަދު އާރިފް (އާއްޓޭ) - އަހުމަދު ނަސީމް
އަޙްމަދު އާރިފް (އާއްޓޭ) - އަހުމަދު ނަސީމް
ހެލްތް މިނިސްޓަރ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޔަން ކުރެއްވި އަޙްމަދު ނަސީމް، ކެރަފާ ނަސީމަކީ އެމަޤާމަށް ވަރަށް ޤާބިލް ބޭފުޅެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

އާއްޓޭ މިމޭރުމުން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި ނަސީމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާތޯ އާއި ކޯވިޑް-19 އާ ގުޅިގެން ބޮޑު ބަލިމަޑުކަމެއްގެ މެދު ތެރެއިން އޭނާއަށް ނަތީޖާ ނެރެދެވޭނެ ކަމާއި މެދު ސުވާލު އުފައްދަވާފައިވެއެވެ. އަދި ސަރުކާރު ކޯލިޝަންގެ އެއްބަސްވުމަށް ދެން ވާނީ ކިހިނެއްތޯ ވެސް ދުންޔާ ވަނީ ސުވާލު އުފައްދަވާފައެވެ.

މިނިސްޓަރ ނަސީމްގެ ޤާބިލްކަމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ރައްދު ދެއްވަމުން އާއްޓޭ ވިދާޅުވީ، ސިޔާސީ ވިސްނުމުން ވިސްނާ މީހަކު މެނުވީ ނަސީމްގެ ޤާބިލްކަމާމެދު ސުވާލު ނުކުރާނެ ކަމަށެވެ. ނަސީމަކީ ރައީސް އިބްރާހީމްގެ ކެބިނެޓަށް އަންނަން އެންމެ ޤާބިލް، މުރާލި އަދި މަސައްކަތްތައް ފުނިޖެހުނަ ނުދީ މަސައްކަތް ކުރަށްވާނެ ބޭފުޅެއްކަމަށާއި، އެއީ ހިންގުންތެރި ކުޅަދާނަ ތަޖުރިބާކާރެއް ކަމަށްވެސް އާއްޓޭ ވިދާޅުވިއެވެ.



ހެލްތު މިނިސްޓަރުގެ މަގާމަށް އަޙްމަދު ނަސީމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވި ކަމުގެ ތުހުމަތުގައި، ވަޒީފާއިން އެކަހެރިވެ ވަޑައިގެން ދިގު މުއްދަތެއްގައި ހުންނެވުމަށްފަހު، އޭނާގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވުމުން ދަޢުވާކުރަން ނުފެންނަ ކަމަށްބުނެ ޕީޖީން މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށެވެ. އަދި އެކަމާގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވެސް ވަނީ ހުށައަޅާފައެވެ.

އަމީނަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ އިސްބޭފުޅެއް ކަމަށްވާ އަޙްމަދު ނަސީމް ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރެއްވީ އެމަގާމަށް ޖުމުހޫރީ ޕާޓީން ފަސް ނަމެއް ފޮނުވާފައިވަނިކޮށް ކަމަށް އެނގިފައި ވެއެވެ.

އަޙްމަދު ނަސީމް ވަނީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި މާޗް 21، 2011 އިން ފެބްރުއަރީ 7، 2012ގެ ނިޔަލަށް ޚާރިޖީ ވަޒީރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި އޭގެ ކުރިން ނަސީމް ވަނީ ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. 1966 ވަނަ އަހަރު ސަރުކާރާ ގުޅިވަޑައިގަތް ނަސީމަކީ ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރު އަދި ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ޓްރޭޑް މިނިސްޓްރީގައިވެސް ގިނަ ދުވަސް ތަކެއް ވަންދެން ނަސީމު ވަޒީފާ އަދާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން