އިންޑިއާގެ ކޮމާސް މިނިސްޓަރާއި، މިނިސްޓަރު ސައީދު، ފޮޓޯ: މިނިސްޓްރީ
އިންޑިއާގެ ކޮމާސް މިނިސްޓަރާއި، މިނިސްޓަރު ސައީދު، ފޮޓޯ: މިނިސްޓްރީ
ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒު ކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް މިހާރު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ވަޒީރުން އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށް، އެ އެއްބަސްވުން އަމަލީގޮތުން ތަންފީޒުކުރެވޭނެ މަގުތައް ފަހިކުރުމަށެވެ. މިކަމުގައި ދެ ގައުމަށްވެސް އެންމެ ފައިދާހުރި އަދި ބިނާކުރަނިވި ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތަކާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ. ވަޒީރުން ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ގައުމުގެ ފައިދާއަށް އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ވަޒީރު މުހައްމަދު ސައީދު "އެކްސް" މެދުވެރިކޮށް ވިދާޅުވީ، މި އެފްޓީއޭ ތަންފީޒުކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ބައްދަލުވުމުގައި އިންވެސްޓްމަންޓްތަކާ ބެހޭ އެއްބަސްވުމެއް (ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ) ނިންމުމަށާއި، ވިޔަފާރީގެ ދާއިރާއިން އަލަށް ފެށުމަށް ގަސްތުކުރާ ތަފާތު މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު