ރައީސް ޑރ. މުހައްމަދު މުއިއްޒު-
ރައީސް ޑރ. މުހައްމަދު މުއިއްޒު-
ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކީވެސް ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް އިސްކަންދޭ، ޤައުމު އަބަދުމެ ފަޚުރުވެރިވާނެ ފަދަ އަމާނާތްތެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ލިޔުންތެރިއަކީވެސް ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. މި މުނާސަބަތުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހައި ލިޔުންތެރިންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެއް ކަމަށެވެ. އެހެންކަމުން، ދިވެހި ލިޔުންތެރިންގެ މަސައްކަތްތައް ބައްޓަންކުރަންވާނީ އެ އުސޫލުތަކުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ލިޔުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ.

ރައީސް ލިޔުންތެރިންގެ ދުވަހުގެ މެސެޖު ނިންމަވާލެއްވީ، ރާއްޖޭގެ އެހާރާއި މިހާރުގެ ލިޔުންތެރިން ކުރައްވަމުންދާ އިޚްލާޞްތެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް