ހާލާންޑް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ހާލާންޑް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ވޯލްޑްކަޕް 2026ގައި މިއަދު ކުޅުނު މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލް ސިއްސުވާލުމަށްފަހު، ތަރި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ނޯވޭ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ހާލަންޑް ވަނީ މެޗުގެ ފަހު 11 މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި، މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ހަތަކަށް އިތުރުކޮށްފައެވެ. މި ހައިރާންކުރުވަނި ނަތީޖާއާއެކު ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މުބާރާތުން ކަޓައިގެން ދިޔައިރު، ނޯވޭގެ "ވައިކިންގްސް" ވަނީ ފުޓްބޯޅައިގެ ތާރީޚުން ފަޚުރުވެރި ޖާގައެއް ހޯދާފައެވެ.

މި ތާރީޚީ ކާމިޔާބީއަކީ ނޯވޭގެ ކޯޗު ސްޓާލް ސޯލްބަކަން ފާއިތުވި ފަސް އަހަރު ދުވަހު ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާއެވެ. މެޗުގެ ފުރަތަމަ ހާފުގައި ނޯވޭ އިން ބްރެޒިލްގެ މައްޗަށް ކުރިހޯދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ބްރެޒިލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް، ދެވަނަ ހާފު ފެށުމުގެ ކުރިން ގެނައި ބަދަލުތަކާއެކު ނޯވޭގެ ކުޅުން ވަރުގަދަވެ، ހަލުވި ކައުންޓަރ އެޓޭކުތަކުގައި ބްރެޒިލްގެ ރޭވުންތައް ބުރޫއަރުވާލިއެވެ.

މުޅި މެޗުގައިވެސް ބްރެޒިލްގެ ޑިފެންސަށް ބޮޑު ނުރައްކަލަކަށްވި ހާލަންޑް، މެޗުގެ 79 ވަނަ މިނެޓުގައި ނޯވޭއަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންދްރެއަސް ޝްޖެލްޑަރަޕް ނަގައިދިން ފުރިހަމަ ހުރަހަކުންނެވެ. ބްރެޒިލްގެ ވަރުގަދަ ޑިފެންޑަރު ގަބްރިއަލް މަގަޅައެސްއަށްވުރެ މައްޗަށް އަރައި ހާލަންޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، އަނެއްކާވެސް ޝްޖެލްޑަރަޕް ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ނޯވޭގެ މޮޅު ކަށަވަރުކޮށްދީފައެވެ.

މި މެޗަށް ނުކުތްއިރު ބްރެޒިލްގެ ޓީމަށް ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ލޫކަސް ޕަކޭޓާގެ ބަދަލުގައި އާސެނަލްގެ ގަބްރިއަލް މާޓިނެލީ ފުރަތަމަ އެގާރައިގައި ހިމެނިއެވެ. މެޗުގެ ކުރީކޮޅު ނޯވޭ އިން ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ ނޯވޭގެ ކީޕަރު އޮރްޔަން ނައިލޭންޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މުޅި މެޗުގައިވެސް ބްރެޒިލްގެ ތަރިން ކަމަށްވާ ވިނީޝިއަސް ޖޫނިއާ އާއި މާޓިނެލީ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ނައިލޭންޑް ވަނީ ސާބިތުކަން ދައްކާފައެވެ.

ދެވަނަ ހާފުގައި ބްރެޒިލުން އެންޑްރިކް އާއި ނޭމާ ފަދަ ތަރިން ކުޅެން އެރުވި ނަމަވެސް، ނޯވޭގެ ބަދަލު ކުޅުންތެރިން ކަމަށްވާ އޮސްކާ ބޮބް އާއި ޝްޖެލްޑަރަޕްގެ ސަބަބުން ނޯވޭގެ ކުޅުން ވަނީ އިތުރަށް ތޫނުވެފައެވެ. މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނޭމާ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ބްރެޒިލް ސަލާމަތްކުރަން ވަގުތު އޮތީ ފާއިތުވެފައެވެ. މި ނަތީޖާއާއެކު ބްރެޒިލް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނުއިރު، ނޯވޭ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އުދަރެހުން އުދުހިލި އާ ބާރެއްގެ ގޮތުގައި ފާހަގަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު