ސައުދީ އަރަބިއްޔާ
ސައުދީ އަރަބިއްޔާ
ދުނިޔޭގެ އެންމެ ބޮޑު 20 އިގްތިސާދު ހިމެނޭ ޖީ20ގެ ގައުމުތަކުގެ ތެރެއިން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމަކީ ސައުދީ އަރަބިއްޔާ ކަމުގައި ކަނޑައަޅައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސްއިން 29 ޖޫން 2026 ގައި ޝާއިއުކުރި 2025 ވަނަ އަހަރުގެ 'ސޭފްޓީ އިންޑެކްސް'ގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެ ގައުމުގެ އާބާދީގެ 97.7 އިންސައްތަ މީހުންނަކީ ރޭގަނޑުގެ ވަގުތުތަކުގައި ބޭރުގައި އެކަނި އުޅުމުގައި ފުރިހަމަ ރައްކާތެރިކަން އިހުސާސްކުރާ މީހުންނެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ސައުދީގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ރައްކާތެރިކަމުގެ އިހުސާސް މިއަށްވުރެ ވެސް މަތިކަން ފާހަގަކުރެވެއެވެ. އެގޮތުން ބިދޭސީންގެ 98.2 އިންސައްތަ މީހުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭކަން ހާމަވެއެވެ.

ޖިންސުގެ ތަފާތުތަކަށް ބަލާއިރު، ފިރިހެނުންގެ 99.1 އިންސައްތަ މީހުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިރު، އަންހެނުންގެ ތެރެއިން 94.9 އިންސައްތަ މީހުންނަށް އެއްވެސް ބިރުވެރިކަމެއް ނެތި އެކަނި ހިނގާބިނގާވެ އުޅެވޭކަން މި ރިޕޯޓުން ދައްކައެވެ.

މި ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، 'ސައުދީ ވިޝަން 2030' ގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސައުދީ ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ފޮނި މޭވާކަމަށް އެ ގައުމުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު