އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުތައް މުރާޖައާކޮށް އިސްލާހުތައް ގެނައުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަރަށް ހޫނު ރައްދުތަކެއް އިދިކޮޅު ފަރާތްތަކަށް ދެއްވައިފިއެވެ.

ފަލާހު ވިދާޅުވީ، މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ މަރުހަލާތަކާ މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނުވަތަ އުސޫލީ ހަމައެއް އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން މުހައްމަދު ޝަކީލު ހިމެނޭހެން އެކުލަވާލި ކޮމިޓީން ތައްޔާރުކުރި މި ރިޕޯޓަކީ ވަރަށް ފުރިހަމައަށް ދިރާސާކޮށްފައިވާ ރިޕޯޓެއްކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ސިޔާސީ ގޮތުން ވާހަކަތައް އޮޅުވާލުމުގެ ބަދަލުގައި ބަލަންޖެހޭނީ ރިޕޯޓުގައި ހުރި ހަގީގީ ހޯދުންތަކަށް ކަމަށެވެ. އަދި ޝަކީލު ފަދަ ތަޖުރިބާކާރު ބޭފުޅުން މި މަސައްކަތުގައި ބައިވެރިވެވަޑައިގެންފައިވުމަކީ ރިޕޯޓުގެ ފެންވަރު ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު ވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން މުއައްސަސާތަކާއި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ގޮތްތައް ހަނދާންކޮށްދެއްވައިފައެވެ.

އެގޮތުން، މުޒާހަރާއެއްގެ ތެރެއިން ފަނޑިޔާރަކު ގެންގޮސް ސުޕްރީމް ކޯޓަށް އައްޔަންކޮށް ހުވާކުރުވި ހާދިސާ ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އެ ބޭފުޅުންގެ ސަރުކާރުން އެކަން ކުރީ ގާބިލު ކަމަށް ބުނެ އޭރު ދިފާއުކުރި ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ޝަރީފް މަގާމުން ވަކިވެވަޑައިގަތުމާއެކު އެސްޓީއޯގެ އިސް މަގާމަކަށް އައްޔަންކުރި މައްސަލައަށް އިޝާރާތް ކުރައްވައި، އޭރު އެފަދަ ނިންމުންތަކަށް ފާޑުނުކީ ބަޔަކު މިއަދު ސަރުކާރުގެ އިސްލާހީ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން މަޖިލީހުގެ ކަންކަން ކުރިއަށްގެންދަނީ ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށް ފަލާހު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި އިންތިހާބުތަކަށް ނުފޫޒު ފޯރުވައި، އިލެކްޝަންސް ކޮމިޝަނުގެ މައްސަލަތައް ކޯޓާ ހަމައަށް ދިޔަ ކަން ހަނދާންކޮށްދެއްވަމުން، މިހާރު މަޖިލީހުގެ ވޯޓުތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށާއި އިދިކޮޅު މެންބަރުންނަށް މިނިވަންކަމާއެކު ބަހުސްކުރުމުގެ ފުރުސަތު އޮތުމަކީ މި ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު