ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ނުރައްކާތެރި ހަމަލާއެއް ދީފިއެވެ. މިއީ މެންބަރު ޒަރީރަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިން ދެވަނަ ފަހަރެވެ.

ރޭ ހިނގި މި ހާދިސާގައި ޒަރީރަށް ލިބުނު އަނިޔާތަކުގެ ތަފްސީލު މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން މެންބަރުގެ ފަރާތުން ރަސްމީ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ މެންބަރު ޒަރީރަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ ހުށަހެޅިކަމާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމަށް ބުނުމުގެ އިތުރަށް އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މެންބަރު ޒަރީރަށް މީގެ ކުރިން ދިން ފުރަތަމަ ހަމަލާ ދީފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި އޭނާ ހުންނަވަނިކޮށް، 1 މެއި 2023 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ބުރުޒުމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ހުއްޓާ 5 މީހުންގެ ގުރޫޕަކުން ދިން އެ ހަމަލާގައި، ޒަރީރުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރުމުގެ އިތުރުން، މަރުތޭލަކުން ޖަހައި އޭނާގެ ބޯ ފަޅާލާފައިވެއެވެ.

އެ މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެއީ ތ. ކިނބިދޫ ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި، މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން މއ. ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ އެވެ. މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިއިރު، އިބްރާހީމް ޢަބްދުﷲގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އެ މީހުން މިނިވަންކޮށްފައެވެ. ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި "ހަބީބީ ކެފޭ" އަކީ އަނދިރި ތަނަކަށް ވުމުން، ހަމަލާދިން މީހުންނަކީ ސީދާ ކޮން ބައެއްކަން ހެކިވެރިންގެ ބަހުން ސާބިތުކޮށްދެވިފައެއް ނުވެއެވެ. މީގެ އިތުރުން، އެ ހަމަލާގައި އިބްރާހީމް ޢަބްދުﷲ ބައިވެރިވެފައި ނުވާ ކަމަށް ޒަރީރު އަމިއްލައަށް ދީފައިވާ ހެކިބަހަކީ ވެސް އެ މީހުން މިނިވަންވުމަށް ބާރުލިބުނު މުހިންމު ސަބަބެކެވެ.

މެންބަރު ޒަރީރަށް އަނެއްކާވެސް މިފަދަ ހަމަލާއެއް ދީފައި މިވަނީ، ކުރީގެ ހަމަލާގެ މައްސަލަ ނިމިފައިވަނިކޮށެވެ. މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު