މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުުން
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުުން
ޅ. ނައިފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއް ހޯދައި، އެ މައްސަލައިގައި ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި އޮޕަރޭޝަނަކީ ނައިފަރުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ޖޫން މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ނައިފަރުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 37 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް އާލާތްތައް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އާދަމް ޙަސަންފުޅު (41އ)، ނޭޒާ / ޅ. ނައިފަރު އާއި، މުޙައްމަދު ޝިފާޒު (36އ)، މުރަނގަމާގެ / ޅ. ނައިފަރު އާއި، ސޭމް ސަޖޫ (28އ)، އިންޑިއާ ކަމަށެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ހިންގާ މިފަދަ އޮޕަރޭޝަންތައް ވަނީ އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު