ވޯލްޑްކަޕް 2026ގެ ގްރޫޕް 'އެލް' ގައި ގާނާގެ މައްޗަށް 2-1 އިން ކުރިހޯދައި، ކްރޮއޭޝިއާ ގްރޫޕްގެ ދެވަނަ މަގާމު ކަށަވަރުކުރިއިރު، ލޫކާ މޮޑްރިޗް ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި ލަނޑެއް ޖެހުމަށް އެހީތެރިވެދިން (އެސިސްޓް ކުރި) އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ކްރޮއޭޝިއާގެ ޕެޓާ ސޫޗިޗް ޖެހި ލަނޑުން އެޓީމު ކުރިހޯދާފައި ވަނިކޮށް، ގާނާގެ ޑެރިކް ލުކާސެން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް މޮޑްރިޗް ނެގި ކޯނަރަކުން ނިކޯލާ ވްލަސިޗް ބޮލުން ޖެހި ލަނޑާއެކު ޒްލަޓްކޯ ޑަލިޗްގެ ޓީމު ވަނީ ގާނާ ފަހަތަށް ޖައްސާލުމަށްފަހު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ގާނާ ގްރޫޕް މަރުހަލާ ނިންމާލީ ތިންވަނައިގައެވެ.

މެޗުގެ ފުރަތަމަ 15 މިނިޓު ތެރޭގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައި ނުވި ނަމަވެސް، އޭގެ ފަހުން ކްރޮއޭޝިއާ އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ވްލަސިޗް ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނުއިރު، އިވާން ޕެރިސިޗް ބޮލުން ފޮނުވާލި ހަމަލާ ގާނާގެ ކީޕަރު ބެންޖަމިން އަސާރޭ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 30 މިނިޓު ފަހުންނެވެ. މަޓެއޯ ކޮވަޗިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ސޫޗިޗްއެވެ.

ފުރަތަމަ ހާފުގައި ގާނާ އިން އުފެއްދި ހަމަލާގައި އެންޓޮއިން ސެމެންޔޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކައިރިން ބޭރަށެވެ. އަދި ދެވަނަ ހާފު ފެށިގެން އަބްދުލް ފަތާއު ދުރުން ފޮނުވާލި ހަމަލާވެސް ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ދެވަނަ ހާފުގައި ގާނާގެ ކުޅުން ރަނގަޅުކޮށް، މެޗުގެ 73 ވަނަ މިނިޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އާނެސްޓް ނުއާމާ ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމަކުން ލިބުނު ފުރުސަތެއްގައި، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ބަލިކޮށް މި ލަނޑު ޖަހައިދިނީ ލުކާސެންއެވެ.

ނަތީޖާ ހަމަހަމަވުމާއެކު ކްރޮއޭޝިއާ އިން އަނެއްކާވެސް އެޓޭކްތައް ވަރުގަދަކުރިއެވެ. މާރިއޯ ޕަސަލިޗް ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު އަސާރޭ ދިފާއުކުރި ނަމަވެސް، އެ ބޯޅައިން ލިބުނު ކޯނަރުގައި ވްލަސިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ވޭތުވެދިޔަ ދެ ވޯލްޑް ކަޕްގައި ދެވަނަ އަދި ތިންވަނަ ހޯދި ނަމަވެސް، މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން އިންގްލެންޑް އަތުން ބަލިވުމުން، ކްރޮއޭޝިއާގެ ރަން ޒަމާން ނިމުނީ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. އެހެންނަމަވެސް، އެޓީމުން އަބަދުވެސް ސާބިތުކޮށްދޭ ފަދައިން، މިފަހަރުވެސް ވަނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވެ، ގްރޫޕްގެ ދެވަނަ ހޯދައި އެމީހުންނަކީ އަދިވެސް ވަރުގަދަ ބައެއްކަން ދައްކާލާފައެވެ.

ކެޕްޓަން މޮޑްރިޗާ ބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. އުމުރުން 40 އަހަރާއި 291 ދުވަހުގައި އޭނާ ވަނީ މި މެޗުގައި އެންމެ ގިނަ ފުރުސަތު (4 ފުރުސަތު) ތަނަވަސްކޮށްދީ، އެންމެ ގިނައިން ބޯޅައިގައި އަތްލައި (102 ފަހަރު) އަދި އެންމެ ގިނަ ރަނގަޅު ޕާސް (82 ޕާސް) ޖަހައިގެން ތާރީޚުގެ ތެރެއަށް ވަދެފައެވެ.

މީގެ އިތުރުން މާޓިން ބަޓުރީނާގެ ދައުރުވެސް މި މެޗުގައި ބޮޑެވެ. ކޯމޯގެ މި މިޑްފީލްޑަރު ވަނީ ކްރޮއޭޝިއާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުރިމަތިލުންތައް (8 ޑުއަލް) ކާމިޔާބުކޮށް، އެންމެ ގިނަ ބޯޅަ ހޯދައި (6 ފަހަރު)، އަދި އެންމެ ގިނަ ފައުލް (5 ފައުލް) ހޯދައިދީފައެވެ.

މިހާރު އޮތް ގޮތުން ނަމަ، 32 ޓީމުގެ ބުރުގައި ކްރޮއޭޝިއާ ބައްދަލުކުރާނީ ޕޯޗުގަލްއާއެވެ. އަދި ބަލިވި ނަމަވެސް މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރި ގާނާ ބައްދަލުކުރާނީ ކޮލަމްބިއާއާއެވެ. އެހެންނަމަވެސް، ޕޯޗުގަލް އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށް ބަލައި މި ވާދަވެރިން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.



ކިޔުންތެރިންގެ ހިޔާލު