މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އޮތް ބާޖަކުން މޫދަށް ވެއްޓުނު ފަސް ކޮންޓޭނަރުގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ދެ ކޮންޓޭނަރު ކަމަށާއި، ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މި ބާޖުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 23:10 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓިފައިވާއިރު، އޭގެ ތެރެއިން އަދިވެސް ތިން ކޮންޓޭނަރު ނުފެނި އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދަށެވެ. މިއީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވާތީ، ނުފެނި ހުރި ކޮންޓޭނަރުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިދާނެތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ މާލޭ ސަރަހައްދުގައި، ޚާއްސަކޮށް ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުން ދަތުރުކުރާ އުޅަނދުފަހަރުން ވަރަށް ބޮޑަށް ސަމާލުވެ، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް އެދިފައެވެ.

ގެއްލިފައިވާ ބާކީ ތިން ކޮންޓޭނަރު ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު