އިންސާނާގެ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަމަކީ އެހެން މީހުންނާއެކު ބާއްވާ ގުޅުންތަކެވެ. ވަކިން ހާއްސަކޮށް ލޯބީގެ ގުޅުމަކީ އުފަލާއި ހިތްހަމަޖެހުން ލިބިދޭންޖެހޭ ކަމެކެވެ. ނަމަވެސް، ބައެއް ފަހަރު ލޯބީގެ ނަމުގައި ފެށޭ ގުޅުންތައް "ޓޮކްސިކް" ނޭދެވޭ ގުޅުމަކަށް ބަދަލުވެގެންދެއެވެ. ގިނަ ފަހަރަށް މީހަކަށް އުޅެވެނީ ދިރިއުޅުން ބަރުބާދުކުރާ ފަދަ ގުޅުމެއްގެ ތެރޭގައިކަން އަމިއްލައަށް ދެނެގަންނަން އުނދަގޫވެއެވެ. ތިމާގެ ގުޅުމަކީ ހަގީގީ ލޯބިތޯ ނުވަތަ ޓޮކްސިކް ގުޅުމެއްތޯ ދެނެގަތުމަށް ބަލާލަންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ.

ހަގީގީ ލޯތްބާއި ޓޮކްސިކް ގުޅުމެއްގެ އެންމެ ބޮޑު ތަފާތަކީ އެކަކު އަނެކަކަށް ކުރާ އިތުބާރާއި އިހުތިރާމެވެ. ސިއްހަތު ރަނގަޅު ގުޅުމެއްގައި ދެމީހުންގެ މެދުގައި އޮންނާނީ މިނިވަންކަމާއި އިތުބާރެވެ. ނަމަވެސް ވިހަގަދަ ގުޅުމެއްގައި އަބަދުވެސް ފެންނާނީ ޝައްކުކުރުމާއި، އެކަކު އަނެކަކުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރާ ތަނެވެ. މިފަދަ ގުޅުމެއްގައި ތިމާގެ އަމިއްލަ މިނިވަންކަން ގެއްލި، އަބަދުވެސް ބައިވެރިޔާގެ ހުއްދަ ހޯދަން ޖެހުމާއި، އޭނާގެ ކޮންޓްރޯލްގެ ދަށުގައި އުޅެން މަޖުބޫރުވެއެވެ.

ދެވަނަ ކަމަކަށް ފާހަގަކުރެވެނީ މުއާމަލާތް ކުރުމެވެ. ހަގީގީ ލޯބީގައި މައްސަލަތައް ހައްލުކުރަނީ ވާހަކަދައްކައިގެން، އެކަކު އަނެކަކަށް ދޫދީގެންނެވެ. އެކަމަކު ޓޮކްސިކް ގުޅުމެއްގައި އޮންނާނީ އަބަދުވެސް އެކަކު އަނެކަކަށް ދެރަބަސް ބުނުމާއި، މަލާމާތްކުރުމާއި، ކުށްވެރިކުރުމެވެ. މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އަނެކާގެ ނަފްސިއްޔާތަށް އަސަރުކުރާ ފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ވިހަގަދަ ގުޅުމެއްގެ ސިފައެކެވެ. މިއީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މީހާ ވައްޓާލާ ކަމެކެވެ.

މީގެ އިތުރުން، ބައިވެރިޔާގެ ފަރާތުން ލިބޭ އެއްބާރުލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ގުޅުމެއްގައި ދެމީހުންވެސް ބޭނުންވާނީ އެކަކު އަނެކަކު ކުރިއަރައިގެން ދިއުމެވެ. ނަމަވެސް ޓޮކްސިކް ގުޅުމެއްގައި ބައިވެރިޔާ އަބަދުވެސް މަސައްކަތް ކުރާނީ ތިމާގެ ކާމިޔާބީތައް ފަނޑުކޮށްލުމަށެވެ. ތިމާ ކުރާ ރަނގަޅު ކަންކަމުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، އެކަންކަމަކީ އެއްވެސް މުހިންމު ކަމެއް ނޫން ކަމަށް ދެއްކުމަށް އޭނާ މަސައްކަތް ކުރާނެއެވެ. މިއީ ހަސަދަވެރިކަމުގެ ސިފައެއް ކަމުގައިވިޔަސް، ގިނަ ފަހަރަށް މިއީ ލޯބީގެ ނަމުގައި ފޮރުވިފައި އޮންނަ ވިހައެކެވެ.

ފަހު ކަމަކަށް ފާހަގަކޮށްލަންޖެހެނީ، އެ ގުޅުމެއްގެ ސަބަބުން ތިމާއަށް ކުރާ އަސަރެވެ. ހަގީގީ ލޯތްބަކީ އިންސާނާގެ ހަކަތަ އިތުރުކޮށްދޭ، ދިރިއުޅުމަށް އުއްމީދު ގެނެސްދޭ އެއްޗެކެވެ. ނަމަވެސް، ގުޅުމެއްގެ ސަބަބުން އަބަދު ވަރުބަލިކަން އިހުސާސްވުމާއި، ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި އުޅެންޖެހޭނަމަ އެއީ ސާފު ބަހުން ބުނާނަމަ ޓޮކްސިކް ގުޅުމެކެވެ. ގުޅުމެއްގެ ތެރޭގައި ހުރެގެން އަމިއްލަ އުފާވެރިކަން ގެއްލި، އަބަދު ހިތާމަކުރަން ޖެހޭނަމަ، އެއީ ލޯބީގެ ނަމުގައި ދެވޭ ވިހައެކެވެ.

ކޮންމެ މީހަކީވެސް އިހުތިރާމާއި ލޯތްބާއެކު އުޅުމުގެ ހައްގު ލިބިގެންވާ މީހެކެވެ. ތިމާ އުޅޭ ގުޅުމަކީ ޓޮކްސިކް ގުޅުމެއްގެ އަލާމާތްތައް ފެންނަ ގުޅުމެއްނަމަ، އެކަމާ މެދު ފުންކޮށް ވިސްނާ، އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ހަގީގީ ލޯތްބަކީ ތިމާ ބާކީކޮށްލާ ނުވަތަ އަނިޔާވެރިވާ އެއްޗެއް ނޫނެވެ. އެއީ އޯގާތެރިކަމާއި، ރަހުމާއި، ކެތްތެރިކަމުގެ މަތިވެރި ގުޅުމެކެވެ.



ކިޔުންތެރިންގެ ހިޔާލު