ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

މި ބްލޫޕްރިންޓަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އިތުރުން ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ "މޯލްޑިވްސް 2.0: ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތުގެ ދަށުން، ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި، އެކަން ހާސިލުކުރުމަށް ދާނެ މިޞްރާބު ވަނީ ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި، ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކާއި، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމާ ގުޅޭ ތަފްޞީލުތައް ވެސް މި ލިޔުމުގައި ހިމެނެއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަށްޓަކައި ޑިޖިޓަލް ބަދަލެއް ގެނައުމަކީ މިހާރު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މި ބްލޫޕްރިންޓް އިފްތިތާޙުކުރުމަށްފަހު، ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ކަނޑައެޅިފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށް ކަމަށް ސިއްހަތާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އޭގެ ތެރޭގައި ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްތައް ގުޅާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ކުރިމަގުގައި ޑިޖިޓަލައިޒޭޝަނަށް ކުރެވޭ އިންވެސްޓްމަންޓްތައް ހަރުދަނާކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު