ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ ކެރިއަރުގައި ކުޅުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އަވާރަޕަން" ގެ ސީކުއަލް، "އަވާރަޕަން 2" ގެ ފުރަތަމަ މަންޒަރުތައް ދައްކާލުމަށް ފިލްމުގެ ޓީމުން ތައްޔާރުވެއްޖެއެވެ.

ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ޓީޒަރ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. މި ތާރީޚަކީ ވަރަށް ޚާއްޞަ ތާރީޚެކެވެ. އެއީ 2007 ވަނަ އަހަރު ނެރުނު "އަވާރަޕަން" އަށް 19 އަހަރު ފުރޭ ދުވަހެވެ. ފިލްމު އުފައްދާ ފަރާތްތަކުން މި ތާރީޚު އިޚްތިޔާރު ކުރީ ފުރަތަމަ ފިލްމަށް ދޭ އިހުތިރާމެއްގެ ގޮތުންނެވެ.

ޓީޒަރ ނެރުމުގެ ކުރިން، ފިލްމުގެ ޕްރޮޑިއުސަރު ވިޝޭޝް ބަޓް ޑިޖިޓަލްކޮށް ފިލްމުގެ ލޯގޯ ދައްކާލާނެއެވެ. މި ލޯގޯ އާއެކު ޓީޒަރ ނެރޭނެ ތާރީޚު ރަސްމީކޮށް އިޢުލާން ކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތައް އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

"އަވާރަޕަން" އަކީ އޭގެ މިއުޒިކަށް ބޮޑު މަޤުބޫލުކަމެއް

ލިބުނު ފިލްމެކެވެ. އެގޮތުން "ތޯ ފިރް އާއޯ" އަދި "ތޭރާ މޭރާ ރިޝްތާ" ފަދަ ލަވަތަކަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވަތަކެކެވެ. "އަވާރަޕަން 2" ގައިވެސް މި ފަދަ ރީތި ލަވަތަކެއް ހިމެނޭނެ ކަމަށާއި، ކުރީގެ މަޝްހޫރު ލަވަތަކުގެ އާ ވާޝަންތަކެއް ވެސް މި ފިލްމުން އިވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިތިން ކައްކަރް ޑައިރެކްޓްކުރާ މި ފިލްމުގައި އިމްރާން ހާޝްމީ އާއެކު ދެން ފެނިގެންދާނީ މަޝްހޫރު ބަތަލާ ދިޝާ ޕަޓާނީ އަދި ޝަބާނާ އަޒްމީއެވެ. ވިޝޭޝް ފިލްމްސް އިން އުފައްދާ މި ފިލްމުގައި އިމްރާން ފެންނާނީ ކުރީގެ ފިލްމުގައިވެސް އޭނާ ކުޅުނު "ޝިވަމް ޕަންޑިތު" ގެ ރޯލުންނެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "އަވާރަޕަން 2" ސިނަމާތަކަށް އަންނާނީ މިއަހަރު އޮގަސްޓު މަހު 14 ގައެވެ.



ކިޔުންތެރިންގެ ހިޔާލު