ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް)ގެ އިސްފަރާތްތަކާއި އެމްޑީޕީގެ ޗެއަރޕާސަން ބައްދަލު ކުރެއްވުން
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް)ގެ އިސްފަރާތްތަކާއި އެމްޑީޕީގެ ޗެއަރޕާސަން ބައްދަލު ކުރެއްވުން
ޑްރައިވަރުންނަށް ސަރުކާރުން އެހީތެރިވުމަށާއި، ޓެކްސީ ފީ ނެގުން މީޓަރު އުޞޫލަށް ބަދަލުކުރަން އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

އެމްޑީޕީން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް)ގެ އިސްފަރާތްތަކާއި އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ބައްދަލު ކުރެއްވުމަށްފަހު އެޕާޓީގެ ސެކްރެޓޭރިއަޓުން މިއަދު ނެރެފައިވާ ރަސްމީ ބަޔާނެއްގައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ޓެކްސީ ލައިން ތަޢާރަފު ކޮށްފައިވަނީ މާލޭގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ 500 އަށް ވުރެ ގިނަ ޑްރައިވަރުންގެ އާމްދަނީއަށާއި، ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ރިޢާޔަތް ކުރުމެއްނެތި ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ދެމެހެއްޓެނިވި ކަމާމެދު ސުވާލު އުފެދި، 500 އަށްވުރެ ގިނަ ޑްރައިވަރުންގެ ޢާއިލާތަކުގެ އާމްދަނީގެ ކަށަވަރުކަމަށް ހިޔަނި އެޅިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައިވަނީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމަކާ ހަމައަށް ދާއިރު މިއީ ޓެކްސީ ފީ ނެގުން މީޓަރު އުޞޫލަށް ބަދަލުކުރާންވީ ވަގުތުކަމަށް ދެކޭ ކަމަށްވެސް ބުނެފައެވެ.

"ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅާއި، މާލެ އަދި ހުޅުމާލެ ގުޅިގެން ދާއިރު، ޓެކްސީ ޚިދުމަތް ފުޅާކޮށް، ރަނގަޅަށް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ހިންގޭން އޮތްކަމަށް މި ޕާޓީއިން ދެކޭކަމުގައި ދަންނަވަމެވެ. މިއީ ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަމާއި ހިތްވަރު ދޭންވީ ވަގުތުކަމުގައިވެސް މި ޕާޓީއިން ދެކެމެވެ. އަދި ޓެކްސީ ފީ ނެގުން މީޓަރު އުޞޫލަށް ބަދަލުކުރާންވީ ވަގުތުކަމުގައިވެސް މިޕާޓީއިން ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އޭގެއިތުރުން އެމްޑީޕީން ވަނީ، އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުށް ގޮވާލާފައއެވެ. އަދި ސިޔާސަތު އެކުލެވުމާއި، ރެގިއުލޭޓަރެއްގެ ހައިޘިއްޔަތުން ޚިދުމަތާ ގުޅޭ ސިޔާސަތުތައް އެކުލެވުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރެގިއުލޭޓަރެއްގެ ރޯލުގެ އިމުގެ ތެރެއަށް ސަރުކާރު ރުޖޫޢަވުމަށް އެމްޑީޕީން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު