މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީގެ) ރުފިޔާ ޑެބިޓް ކާޑު ބޭނުންކޮށްގެން އޮންލައިންކޮށް ވިޔަފާރިކުރާ ބައެއް ސައިޓްތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު އެ ބޭންކުން ލިމިޓްކޮށްފިއެވެ.

އެމްއައިބީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުގެ ރުފިޔާ ކާޑުތަކަށް ދީފައިވާ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޚާއްޞަކޮށްގެން ދޫކޮށްފައިވާ ފުރުޞަތެއް ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ލިމިޓް އެހެނިހެން ބޭނުންތަކަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެބޭންކުން ބުނެއެވެ.

އެހެންކަމުން، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، އަސާސީ ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މި ބަދަލާއެކު، އޮންލައިން ވިޔަފާރި (އީކޮމާސް) ސައިޓްތަކުން މަހެއްގެ މައްޗަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް ބޭންކުން ކަނޑައަޅާފައިވެއެވެ.

ނަމަވެސް ބައެއް ވިޔަފާރި ސައިޓްތަކަށް ހުރަސް އެޅި ނަމަވެސް، އާންމުކޮށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކާއި، ރާއްޖޭން ބޭރުގެ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކުގެ އިތުރުން ބޭސްފަރުވާއާއި ޗުއްޓީ ހޭދަކުރުމާ ގުޅޭ އެކި ބޭނުންތަކަށް 250 ޑޮލަރުގެ ލިމިޓް އަދިވެސް ބޭނުންކުރެވޭނެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ. އެމްއައިބީން ބުނީ މި ބަދަލު ގެންނަން ޖެހުނީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމުގެ ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ މައާފަށް އެދިފައެވެ.

އެމްއައިބީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ދާދިފަހުން ވަނީ ރުފިޔާ ކާޑުތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ލިމިޓް ކުޑަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު