އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާތީ އެ ދެ މީހުންނަށް ހުކުމް ކުރުން އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހަށް ތާވަލުކޮށްފިއެވެ.

މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތަށް އަދަބު ކަނޑައެޅުމަށް ބާއްވާ ހުކުމް އިއްވުމުގެ މަޖިލިސް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް 2021 ވަނަ އަހަރު އޮކްޓޫބަރު ތެރޭގައި މަރާލިކަން އޭނާގެ ފިރިމީހާ މާވިން އެސްވައި މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހުންގެ ތެރެއިން މާވިންގެ މައްޗަށް ސާބިތުވީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށްވާއިރު، އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. އަދި އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ސީރިއަސް ދައުވާ ސާބިތުވެފައިވާއިރު، މީގެ އިތުރުން ވެސް އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާއި، ހުއްދަ ނުނަގައި ކަމެއް ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ކަނޑައަޅާފައެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ބުނާގޮތުން މީހަކު މެރުމުގައި ބައިވެރިވުމަކީ ބޮޑު ކުށަކަށްވެފައި އެކަމަށް އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު އައުމުގެ ފުރުސަތު އެބައޮތެވެ.

ލަމްހާގެ މައްޗަށް ސާބިތުވި އަނެއް ދެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަސް އަދި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، މައްސަލައިގެ ކަންކަމަށް ބަލައި މި އަދަބުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު