ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ދައުވާލިބޭ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކޯޓުގައި އިންކާރުކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދެ ބޭފުޅުންވެސް ވަނީ ކުށަށް އިއުތިރާފުވާން ދެކޮޅު ހައްދަވާފައެވެ. މަހެއްހާ ދުވަސް ކުރިން ހިނގަން ފެށި މި ޝަރީއަތް މިހާރު އޮތީ އިބްތިދާއީ މަރުހަލާގައެވެ.

މޭސްތިރިންގެ ގޮތުގައި ތުހުމަތު ކުރަނީ 3 މީހަކަށް

ޖުމްލަ 10 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރާ މި މައްސަލާގައި، ވައްކަން ރޭވުމުގެ އަޑީގައި ތިބި މޭސްތިރިންގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތުހުމަތު ކުރަނީ ދިގަލި ވަހީދާއި، އާއްޓޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަށެވެ. މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި މައްސަލާގައި ކުރިން ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު ދިގަލި އާއި އާއްޓޭ ދޫކޮށްލާފައިވަނީ، ވައްކަން ރޭވުމުގެ ތުހުމަތު އޮތް ނަމަވެސް، އަމަލީގޮތުން އެކަމުގައި ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށް ޕީޖީން ކުރިން ހާމަކޮށްފައިވެއެވެ.

އިތުރު ބައިވެރިންނާއި ދައުވާތައް

މި މައްސަލާގައި ބައިވެރިވުން އޮތް ކަމަށް ބުނެ ދައުލަތުން ދެން ދައުވާ އުފުލާފައިވާ ފަރާތްތަކަކީ:

ޒިވާރު އިސްމާއިލް (ކަސްޓަމްސްގެ އިސް އޮފިސަރެއް): މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ.

އަހުމަދު ޝަހީމް (އެމްޕީއެލް މުވައްޒަފު / ހދ. ވައިކަރަދޫ): މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ.

އަހުމަދު ފިރުސާން (އެމްޕީއެލް މުވައްޒަފު / ހ. ރުމޭނިއާ): މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ.

ހުސައިން ސާމިހު (އެމްޕީއެލް މުވައްޒަފު / ސ. ހިތަދޫ): މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާ.

އާދަމް ވަހީދު (ދޯނީގެ ކެޕްޓަން): މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާ.

މުހައްމަދު އަލަމިން މިއާ (ބަންގްލަދޭޝް ރައްޔިތެއް): މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާ.

ލިންކް ހަސަން އަބްދުއްރަހުމާނު (ކ. ތުލުސްދޫ): މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާ.

މި އެންމެންގެ ތެރެއިން ދެ މީހަކު ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވައިލުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ ކަންބޮޑުވާންޖެހޭ ފަދަ ބޮޑު ރޭވުމެއްގެ ދަށުންނެވެ. އެގޮތުން، އެމްޕީއެލް ޓާމިނަލްގައި ހުރި އަސްލު ދެ ކޮންޓެއިނަރާ ވައްތަރުގެ "ފޭކު" ދެ ކޮންޓެއިނަރު ތައްޔާރުކޮށް، އަސްލު ދެ ކޮންޓެއިނަރު ވަނީ އެ ތަނުން ނެރެފައެވެ.

މި ވައްކަމަށް ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް އޮޅުވާލުމުގެ ގޮތުން ބަދަލުކޮށްފައިވާކަން ފުލުހުންނަށް ވަނީ އެނގިފައެވެ. އެއަށްފަހު، މި ސިނގިރޭޓްތައް ދޯނީގައި ތިލަފުށްޓަށް ގެންގޮސް، ކޮންޓެއިނަރުތައް ފުނޑާލާފައި ހުއްޓާ، އޭގެ ބައިތައް ތިލަފުށީގެ ސައިޓަކުން ފުލުހުން ވަނީ ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު