އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މެދުގައި އޮތީ ނަފްރަތާއި ކެހިވެރިކަން ކަމަށާއި، ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ލީޑަރޝިޕާއި މެންބަރުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި އެއް ވިސްނުމެއްގައި ވަރަށް ބަދަހިކޮށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ މަސްލަހަތާ މެދު އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، ޕާޓީގެ ރައީސް އަދި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގައި މުޅި ޕާޓީ އޮތީ ސާބިތުކަމާއެކު ކަމަށެވެ.

"ޕީއެންސީގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު. ޕާޓީގެ އެތެރޭގެ އިންތިޚާބަކުން އެކަމަކަށް ބަދަލެއް ނާދޭ،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ޕީއެންސީން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. އެގޮތުން، އެންމެ ދެ އަހަރާއި ހަ މަސް ތެރޭގައި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެ، މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުމާއި، ގިނަ އަދަދެއްގެ ދަރަނި ދައްކައި، ގިނަ ބިންތަކެއް ހިއްކުމުގެ މަޝްރޫޢުތައް ހިންގާ ޕާޓީއަކަށް ޕީއެންސީ ވެފައިވާކަން އޭނާ ބަޔާންކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޑީޕީ، ޑިމޮކްރެޓްސް އަދި ޕީއެންއެފް ހިމެނޭ ކޯލިޝަނުން "ވެރިއެއް ނުފެންނަ" ކަމަށާއި، އެތަނުން ފެންނަނީ ހަމައެކަނި ނަފްރަތާއި ކެހިވެރިކަން ކަމަށެވެ. އަދި ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ގޮންޖެހުމަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު