އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވީ މުހައްމަދު ޝަކީލަށެވެ. އެގޮތުން ދަފްތަރު ނަންބަރު ރސ. 13449، މުހައްމަދު ޝަކީލަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވީ މިމަހު ނުވަވަނަ ދުވަހުއެވެ.

މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ތަޅުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ޝަކީލަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި، އޭނާ އައްޔަންކުރުމަށް ވަނީ ރުހުން ދީފައެވެ.

ޝަކީލަކީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2014 ގެ ޑިސެމްބަރުގެ ނިޔަލަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އޭނާ އަދާކުރެއްވިއެވެ. އަދި 2014 ޑިސެމްބަރު ތިނަކުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ޝަކީލް ވަނީ އެ ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މެންބަރެއްގެ ގޮނޑި ހުސްވީ، ކުރިން އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މެންބަރު މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު