ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ
ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ
އިޒްރޭލުން ލުބުނާނުގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ ނައިބު ޖޭ.ޑީ. ވެންސްގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ މިއަހަރުގެ ފެބްރުއަރީ މަހު އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން ނުކުތުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ހުރަހެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވަނީ އިޒްރޭލުގެ ކެބިނެޓްގައި ހިމެނޭ ހައްދުފަހަނައަޅާފައިވާ ވަޒީރުންނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ވެންސް ވިދާޅުވީ، އާބާދީގައި 9 މިލިއަން މީހުން ތިބި ގައުމަކަށް، ކުރިމަތިވާ ކޮންމެ ގައުމީ ސަލާމަތީ މައްސަލައެއް ހައްލުކުރުމަށް "މީހުން މެރުމުގެ" އުސޫލު ނުގެންގުޅެވޭނެ ކަމަށެވެ. މިއީ އިޒްރޭލުގެ ހަރުކަށި ފިޔަވަޅުތަކަށް އަމާޒުކޮށް ދެއްވި ވަރަށް ސާފު ފާޑުކިއުމެކެވެ.

މި ހަނގުރާމައިގެ ފަހަތުގައިވާ ސިޔާސަތުތަކާ ގުޅޭގޮތުން "ދަ އިންޑިޕެންޑެންޓް" ގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، އެމެރިކާގެ ހާރިޖީ ސިޔާސަތުތަކަށް އިޒްރޭލުގެ ހަރުކަށި ދީނީ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމެވެ. މީގެ ހެއްކެއްގެ ގޮތުން 1996 ވަނަ އަހަރު ނެރުނު "އަ ކްލީން ބްރޭކް" އާއި، ދާދި ފަހުން އާންމުވި "އިޒްރޭލް 2048: އަ ބްލޫޕްރިންޓް ފޯ އަ ރައިޒިންގ އެސިމެޓްރިކް ޖިއޮޕޮލިޓިކަލް ޕަވަރ" ކިޔާ ލިޔުމަކަށް އިޝާރާތްކޮށްފައިވެއެވެ.

މި ލިޔުންތަކުގައި އިޒްރޭލު ދެކެނީ، ހުޅަނގުގެ ރައްކާތެރިކަމުގެ ބިންގަލެއްގެ ގޮތުގައެވެ. ހާއްސަކޮށް، މުސްލިމުންގެ ހިޖުރަކުރުމުގެ ސަބަބުން ހުޅަނގުގެ ތަހުޒީބު ނެތިގެން ހިނގައިދާނެ ކަމަށް ބުނާ ނަސްލީ ޚިޔާލުތަކާ އެކު، އިޒްރޭލަކީ އެމެރިކާގެ ކްރިސްޓިއަން ނޭޝަނަލިސްޓުންނާއި އެވަންޖެލިކަލް މަސީހީންގެ ބޮޑު ތާއީދެއް ލިބޭ ގައުމަކަށް ވަނީ ވެފައެވެ.

މި ސަބަބުތަކާހުރެ، އެމެރިކާގެ ސިޔާސީ ފަރާތްތަކުން އިޒްރޭލުގެ ހަރުކަށި ފިޔަވަޅުތަކަށް ފާޑުކިއި ނަމަވެސް، އިޒްރޭލާ އޮންނަ ގުޅުން އެއްކޮށް ކަނޑާލުމަކީ ދުރުގައިވާ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ނަތަންޔާހޫގެ ސަރުކާރުން އީރާނުގެ އަސްކަރީ ބާރުތައް ބަލިކުރުމާއި ސަރަހައްދީ ނުފޫޒު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އެމެރިކާ މިހާރު މަސައްކަތް ކުރަނީ ހަނގުރާމަ ހުއްޓާލުމަށެވެ. ނަމަވެސް، އިޒްރޭލުގެ ހަރުކަށި ވަޒީރުންގެ ވިސްނުމަކީ މިހާރުވެސް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުން ކަމަށް ރިޕޯޓުތަކުން ހާމަވެއެވެ.



ކިޔުންތެރިންގެ ހިޔާލު