މާވިން އަދި ލަމްހާ
މާވިން އަދި ލަމްހާ
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) އާއި ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވޭތޯ ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މޭރީ މަރާލި މައްސަލައިގައި މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު، އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް، ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި މައްސަލަތަކުގެ ޝަރީއަތް ވަކިވަކިން ކުރިއަށް ގެންދާއިރު، މީގެ މަހެއްހާ ދުވަސްކުރިން ދެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފައެވެ.

ޚުލާސާ ބަޔާނަކީ މައްސަލައިގެ މައުޟޫއީ ބައިތައް ނިމުމުން، ހުކުމާ ހަމައަށް ދިއުމުގެ ކުރިން ދެ ފަރާތުން މައްސަލައިގެ ހުރިހާ ކަމެއް ހުލާސާކޮށް ކޯޓަށް ހުށަހަޅާ އެންމެ ފަހުގެ ބަޔާނެވެ. އެހެންކަމުން، މާދަމާގެ އަޑުއެހުމުގައި މައްސަލައިގެ ހުކުމް އިއްވުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު، މާލޭގައި ދިރިއުޅެމުން އައި މޭރީ މަރާލާފައިވަނީ އޭނާގެ ބޮލަށާއި ކަރަށް ހަމަލާދީ އަދި ނޭވާ ހާސްކޮށްލައިގެންނެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޝަރީއަތް ހިނގަމުން ދިޔަ މުއްދަތުގައި ބަންދުގައި ހުރި މާވިން އިސްލާމްވެ، އޭނާގެ ނަން ޔޫސުފްއަށް ބަދަލުކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން ވަނީ ކޯޓަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު