ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ
ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ ހުނަރު ދަސްކޮށްދީ، ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ކުރިއަށްގެންދާ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމަކީ ގާބިލު ޒުވާނުން އުފެއްދުމަށާއި، އަމަލީ މަސައްކަތުގެ މާހައުލުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.

މިއަހަރުގެ ޕްރޮގްރާމްގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އާއި، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން އާއި، ސާވޭއިން ޓެކްނީޝަނެވެ.

މި ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ޖުމްލަ 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް، އެލަވަންސްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 30 ޖޫން 2026 އެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ އަމާޒަކީ މިފަދަ ތަމްރީނު ފުރުސަތުތަކުގެ ސަބަބުން، ރާއްޖޭގެ މަސައްކަތުގެ ބާޒާރަށް ނުކުންނަ ޒުވާނުންނަކީ ފަންނީ ގޮތުން ގާބިލު ބަޔަކަށް ހެދުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު