ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތުތައް ސައްޙަތޯ ބެލުމުގެ ގޮތުން ކުރަންޖެހޭ "ކްރޮސް ވެރިފިކޭޝަން" ނުވަތަ މަޢުލޫމާތު އަޅާކިޔުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ. މި ވަޢުދުފުޅު ފުއްދުމަށްޓަކައި، އިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިދާރީ ގޮތުން ކުރަންޖެހޭ ތައްޔާރީތައް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން، މިއަހަރުގެ ޖެނުވަރީ 18 ވަނަ ދުވަހު ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލީ، ކުރިން ބޭނުންކުރި ޕޯޓަލް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ޚިޔާލާއި މަޝްވަރާއާއެކު އުސޫލުތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުޞަތުގައި ބައިލައްކައަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހެޅި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ހިމެނެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ހުށަހަޅާފައިވާ ފޯމުތަކުގައިވާ މަޢުލޫމާތުތައް ދައުލަތުގެ އެހެނިހެން އިދާރާތަކުގައި ހުރި މަޢުލޫމާތާ އަޅާކިޔައި ޔަޤީންކުރުމުގެ މަރުޙަލާ ކަމަށެވެ. މި މަރުޙަލާގައި މައިގަނޑު ގޮތެއްގައި ބަލާނީ ފޯމު ހުށަހެޅި ފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން ޔަޤީންކުރުން ފަދަ މުހިންމު ކަންކަމެވެ. ހުށަހަޅާފައިވާ ފޯމުތަކުގެ އަދަދު ގިނަވުމާއެކު، މި މަސައްކަތަށް ވަގުތު ހޭދަވާނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، އިމާރާތްކުރުމުގެ މަސައްކަތުގެ މާ ކުރިން އިދާރީ މަސައްކަތްތައް ފެށީ، ކަންކަން އެންމެ ފުރިހަމައަށް އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ވަގުތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. މީގެ ކުރީގެ މަޝްރޫޢުތަކުގައި ދައުރު ނިމެން ކައިރިވުމުން ފުރުޞަތު ހުޅުވާލުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި މައްސަލަތަކާއި ޝަކުވާތައް މިފަހަރު ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ރައްޔިތުންނަށް އެތަންތަނުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު