ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އެޅުއްވުމުގައި އަގުނުކުރެވޭފަދަ ބޮޑު ޚިދުމަތްތަކެއް ކުރެއްވި، ރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިޔާ މއ. ތޮއިބާ، ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލް އަވަހާރަވުމާއި ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝައިޚް އިސްމާޢީލް އަވަހާރަވުމަކީ، އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްކުރުވި ޚަބަރެއް ކަމަށެވެ. ރައީސް ވަނީ ދ. މީދޫ އަށް އުފަން ޝައިޚް އިސްމާޢީލަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށާއި، ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވުމުގައި އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ދިވެހި އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ދީނީ ރޮނގުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގެ އިތުރުން، އެ މަނިކުފާނަކީ މިހާރުވެސް ޤައުމީ ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅުންނެއްގެ އުސްތާޛެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަމުން، ދިވެހި ޤައުމަށާއި ދީނަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި މަރުޙޫމް ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ޝައިޚް މުޙައްމަދު އިސްމާޢީލްގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.



ކިޔުންތެރިންގެ ހިޔާލު