ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޯހިޔާވަހިކަމުގެ ސްކީމަކަށް މިހާ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފުރަތަމަ ފަހަރެވެ. ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ލިބުނީ 40،000 އަށް ވުރެ ގިނަ ފޯމެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި މި ފުރުސަތުގައި، ފޯމު ހުށަހެޅުމަށް ޚާއްސަކުރި ޕޯޓަލް މެދުވެރިކޮށް ރޭ މެންދަމު 2:00 އާ ހަމައަށް ޖުމްލަ 58,505 ފޯމު ވަނީ ސަބްމިޓްކޮށްފައެވެ.

ހުށަހެޅި ފޯމުތަކުގެ ތަފްސީލު:

ފްލެޓަށް އެދި: 35,930 ފޯމު

ގޯއްޗަށް އެދި: 22,575 ފޯމު

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ރޭ މެންދަމު 2:00 އާ ހަމައަށް އިތުރުކުރަން ޖެހުނީ، ރޭގެ ވަގުތެއްގައި ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މީގެ ކުރިންވެސް ބޮޑުއީދު ބަންދާ ގުޅިގެންނާއި އެކި ސަބަބުތަކަށްޓަކައި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްދީފައެވެ.

"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރާ ބޯހިޔާވަހިކަމުގެ ތަފްސީލު

މިދިޔަ ޖެނުއަރީ 18 ގައި ފެށި މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި، 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ފްލެޓް ބަހާލެވިގެންވާ ގޮތް:

4,000 ފްލެޓް: މާލޭގެ ރަށްވެހިންނަށް

1,500 ފްލެޓް: މާލޭގައި ދިރިއުޅޭ ނަމަވެސް މާލޭގެ ރަށްވެހިންނަށް ނުވާ ފަރާތްތަކަށް

2,400 ފްލެޓް: ޚާއްސަ ކެޓަގަރީތަކަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވަނީ ރޭވިފައެވެ. ނަމަވެސް، މި ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 15,000 ގޯއްޗެވެ.



ކިޔުންތެރިންގެ ހިޔާލު