ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
މިހާރުގެ ސަރުކާރުން ސިޔާސީ ފިކުރު ތަފާތުވެގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާ ކަމަށާއި، އިދިކޮޅު އެމްޑީޕީން އެވާޙަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ އެމްޑީޕީން އިހުތިޖާޖު ކުރަން ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސިޔާސީ ފިކުރު ތަފާތުވުމުން އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ހަގީގަތެއް ކަމަށެވެ.

"ސަރުކާރަށް ސަނާ ނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުންނެއްގެ ވަޒީފާއިން ވަކިކުރި ޗިޓްތައް މިހާރުވެސް އެބޭފުޅުންގެ ގޭގޭގެ ސިޓިންގ ރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި. ގޮސް ބައްލަވާލައްވާ. އެ ދަފްތަރު އަޅުގަނޑުމެން އަތުގައި އެބައޮތް." ޝުޖާއު ވިދާޅުވިއެވެ.

އޭގެއިތުރަށް ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރީގެ ސަރުކާރުތަކުން ނިގުޅައިގަތް ވަޒީފާގެ ހައްގުތައް އެ މުވައްޒަފުންނަށް އަނބުރާ ހޯއްދަވައި ދެއްވާފައި ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ ބޭނުމަކަށް މީހުން ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ނިންމާފައެވެ.

އެމްޑީޕީގެ ސެކްރެޓޭރިއެޓުން އެޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގާނޫނާ ގަވާއިދާ ހިލާފަށް މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި، ޚާއްސަކޮށް އެމްޑީޕީއަށް ތާއީދުކުރާ މީހުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ވަނީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށްވެސް ހުށަހަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު