ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، އެތެންސް، މުހައްމަދު އަތޫފް ހަބީބް (25އ) އާއި، އެ ރަށު ދެތަނޑިމާގެ، މުހައްމަދު ރާއިފް ހުސައިން (20އ) އެވެ. މީގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އަތޫފް ހަބީބެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ވިލިނގިލީގެ ހަތަރު ގެއެއް ފާސްކޮށް، ޖުމްލަ 66.92 ގްރާމްގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53.91 ގްރާމް ބްރައުން ޝުގާ އާއި 13.01 ގްރާމް މެތަފެޓަމިންއެވެ.

ފުލުހުން ބުނި ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހު އަތޫފް ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ފުރަތަމަ ހާޒިރުކުރުމުން ކޯޓުން ދިނީ 15 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން މިދިޔަ ހުކުރު ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލާގައި ހިމެނޭ ރާއިފްގެ ބަންދަށް ފުރަތަމަ ދިން 10 ދުވަސް ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ބައެއް ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ނާޖާއިޒު ފައިދާ ނަގާ ނުވަތަ އެކްސްޕްލޮއިޓް ކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް ޑްރަގް ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ހިންގުނު މަސައްކަތެކެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުށްތަކަށް ކުޑަކުދިން ބޭނުންކުރުން ހުއްޓުވައި، އެކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީވެސް މި އޮޕަރޭޝަނުގެ މުހިންމު މަގުސަދެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު