އޭނާގެ އިންތިޚާބީ ކެމްޕޭނުގައި އިސްކޮށް އުޅުނު 10 ވަރަކަށް މީހުން ވަޒީފާއިން ވަކިކޮށް، ބައެއް މީހުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، އޭނާގެ އިންތިޚާބުގައި އެހީތެރިވެދޭން ނިކުމެ ތިބި އާއިލާގެ މީހުންނާއި ރައްޓެހިން، އިންތިޚާބުގެ ނަތީޖާ ނިކުތްއިރު ވަޒީފާތަކުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާއާ އެއްކޮށް ކެމްޕޭނުގައި ބައިވެރިނުވާ، އެހެން ދާއިރާތަކުގެ މީހުންނާ އެކު ކޮފީއަކަށް އަރާލާފައި ނަގާފައިވާ ފޮޓޯތަކެއް ދައްކައިގެންވެސް ބައެއް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސޯބެ ތުހުމަތު ކުރެއްވިއެވެ. ސޯބެ ވިދާޅުވީ، އޭނާގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ވަޒީފާއިން ވަކިކުރަމުންދަނީ ޚަރަދު ކުޑަކުރުމުގެ ބަހަނާގައި ކަމަށެވެ.

"ޚަރަދު ކުޑަކުރަން ބަލާއިރު އެ ކުންފުނިތަކުގައި އެބަތިބި ސޮއިކޮށްފަ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބި މީހުން. ޚަރަދު ކުޑަކުރަން ވަޒީފާއިން ވަކިކުރަން ހަދަންޖެހޭ ކުންފުނިތަކުގައި އެކުލަވާލާފައި ހުރި އުސޫލުތަކާ ޚިލާފަށް ވަޒީފާތަކުން ވަކިކޮށްފައި އެހުރީ،" ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން ސޯބެ ވިދާޅުވިގޮތުގައި، ވަޒީފާއިން ވަކިކުރާ މީހުންގެ ވަރަށް ދިގު ލިސްޓެއް އަދިވެސް އެބައޮތެވެ. އަދި މި މައްސަލައަކީ ހަމައެކަނި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ގޮސްގެން އަވަސް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުހިފުމުގެ އަމަލުތައް ހުއްޓުވޭނީ އެންމެން އެކުއެކީގައި ނިކުމެ އިހުތިޖާޖު ކޮށްގެން ކަމަށް ވިދާޅުވެ، އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖުގައި ވަޒީފާތަކުން ވަކިވި ހުރިހާ ކުދިންނާއި އާންމު ރައްޔިތުން ބައިވެރިވުމަށް ސޯބެ ވަނީ ގޮވާލައްވާފައެވެ. އަދި އެ އިހުތިޖާޖުގައި އޭނާ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު