އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތަކަކީ ގަން ޕޮލިސް ސްޓޭޝަނާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމުގެ އިތުރުން ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސ. ފޭދޫ، ހަނދުވަރު، އަޙްމަދު ލީން ފާރޫޤް (26އ) އާއި، ސ. މަރަދޫފޭދޫ، ސޭންޑީބީޗް، އަބްދުﷲ ފަޒީން (41އ) އަދި މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ.

ފޭދޫގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.8 ގުރާމެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލީން އާއި ފަޒީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ވަކިން ހިންގި އަނެއް އޮޕަރޭޝަން އަމާޒުކޮށްފައިވަނީ މަރަދޫފޭދޫ އަށެވެ. އެ ރަށުން ހައްޔަރުކުރި އަޙްމަދު ޝަރަތު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. ފުލުހުން ބުނި ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި 2.81 ގުރާމު ހުއްޓެވެ. ޝަރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު