ދިވެހިރާއްޖެއާ ރުޅިވެރިކަން ބާއްވާނެ އެއްވެސް ގައުމެއް މިހާރު ނޯންނާނެ ކަމަށާއި، ނަމަވެސް އެ ސިޔާސަތުން އިސްތިސްނާވާ ހަމައެކަނި ގައުމަކީ އިސްރާއީލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. މީދޫގައި ޕީއެންސީން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ، މީގެކުރިން ކަންކަން ހިނގާފައިވަނީ ވަކި ގައުމަކުން ބޭނުންވާ ގޮތަށް، މިރާއްޖޭގެ ހުރިހާ ކަމެއް ބައްޓަންވާ ގޮތަށް ކަމަށެވެ. އަދި ފާއިތުވި ދެތިން ސަރުކާރެއްގައި ބޭނުންވުމުން ގައުމުތަކާ ސިޔާސީ ކުޅިވަރު ކުޅެ، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަކިވަމުން ގޮސްފައިވާކަން އެއީ ހަގީގަތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދެނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތްތަކަށް ބަލައިގެން ޚާރިޖީ ސިޔާސަތު ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ރުޅި ގައުމެއް ނޯންނާނެ. އަޅުގަނޑުމެންނާ ހުރިހާ ގައުމުތައްވެސް މިދެންނެވި ސިޔާސަތުގެ ދަށުން އަޅުގަނޑުމެންނަށް އެ އެހީތެރިކަން، ދިވެހި ރައްޔިތުންނަށް އެހީތެރިކަން ދޭނަމަ، ދިވެހި ގައުމުގެ ތަރައްގީއާ ރައްޔިތުންގެ ތަރައްގީއަށް ސަޕޯޓު ކުރާނަމަ އަޅުގަނޑުމެން އެ ގައުމުތަކާ ގާތްވާނެ. އެއީ ކިތަންމެ ކައިރި ގައުމެއް ވިޔަސް، ކިތަންމެ ދުރު ގައުމެއް ވިޔަސް. ކިތަންމެ ކުޑަ ގައުމެއް ވިޔަސް، ކިތަންމެ ބޮޑު ގައުމެއް ވިޔަސް." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ސިޔާސަތުގެ ދަށުން ހުރިހާ ގައުމަކާ ގާތްގުޅުމެއް ބޭއްވި ނަމަވެސް، ހަމައެކަނި އިސްތިސްނާކޮށްފައި އޮންނާނީ އިސްރާއީލް ކަމަށެވެ. މާޒީގައި އިސްރާއީލާ ވަރަށް ބޮޑަށް ގާތްވެ، އެ ގައުމުގެ ލޮލުގެ ޑޮކްޓަރުން ރާއްޖެ ގެނައުމަށާއި، އިސްރާއީލްގެ އެއާލައިންތައް ރާއްޖެއަށް އުދުހުމުގެ ކަންކަން ތައްޔާރުކުރަމުންދިޔަ ކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެއީ ފަނާކުރަނިވި ސިޔާސަތެއް ކަމަށާއި އެކަން ހުއްޓުވީ ގައުމުދެކެ ލޯބިވާ ރައްޔިތުން ނުކުމެ ކުރި އިހުތިޖާޖުތަކުން ކަމަށެވެ.

ނަމަވެސް މިހާރުގެ ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މިހާރު މަނާކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ "ދިވެހިން އިސްކުރުމާއި، ގައުމު އިސްކުރުމުގެ" ތަފާތު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު