ފ. ނިލަންދޫގެ ކަތީބުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި، އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ނިލަންދޫ މީހުންގެ ނަމުން ނަމަ ކަތީބު ދޮންބެ) އުމުރުން 101 އަހަރުގައި މިއަދު ނިޔާވެއްޖެއެވެ.

ކަތީބު ދޮންބެ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، ފ. ނިލަންދޫ ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނިކޮށެވެ. އޭނާ ނިޔާވިއިރު، މިދިޔަ އަހަރު ވަނީ 100 އަހަރު ފުރިފައެވެ.

ކަތީބު ދޮންބެއަކީ ނިލަންދޫއަށް އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކުރަމުން އަންނަ ނުފޫޒުގަދަ ބޮޑު އާއިލާއެއްގެ ބަޠަލެކެވެ. ތިން ކައިވެންޏަކަށް އޭނާއަށް 15 ދަރިން ލިބިލައްވާފައިވާއިރު، އޭގެ ތެރެއިން 14 ކުދިން (9 ފިރިހެން ކުދިންނާއި 6 އަންހެން ކުދިން) ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި އޭނާގެ ކާފަދަރިންނާއި، މުނިކާފަ އަދި ހޫރުކާފަ ދަރިންގެ ޖުމްލަ އަދަދު 200 އަށްވުރެ މައްޗަށް އަރައެވެ.

މުޖުތަމައަށް ފާހަގަކޮށްލެވޭ ދަރިންނާއި ކާފަދަރިން

ކަތީބު ދޮންބެގެ ދަރިންގެ ތެރޭގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ފަޚުރުވެރި ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި:

އަލީ އަޙްމަދު: ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު

ޑރ. އަބްދުލް އަޒީޒް އަޙްމަދު: ހިތުގެ ބަލިތަކަށް ޚާއްސަ މަޝްހޫރު ޑޮކްޓަރު

އަބްދުލްލަތީފް އަޙްމަދު (އުދަރެސް ލަތީފް): ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

މީގެ އިތުރުންވެސް، ނިލަންދޫގެ އިސް ބައެއް މަގާމުތައް އޭނާގެ ދަރިން ފުރުއްވާފައިވެއެވެ.

އަދި ކާފަދަރިންގެ ތެރޭގައިވެސް ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަލީ އާއި، ފަރުހާދު އިސްމާއީލްގެ އިތުރުން ހައިކޯޓުގެ މީޑިއާ އޮފިޝަލް އަދި ކުރީގެ ނޫސްވެރިޔާ އަމީން ފައިސަލް ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު