އެމްޑީޕީގެ ވޯޓުލުން
އެމްޑީޕީގެ ވޯޓުލުން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އައު ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މި އިންތިޚާބުގެ ވާދަވެރިކަން ބޮޑަށް އޮތީ ރައީސް ނަޝީދާއި މީކާއީލާ ދެމެދުގައެވެ. ދެ ކެންޑިޑޭޓުންވެސް ވަނީ އިންތިޚާބުގެ ކުރިން މުޅި ރާއްޖޭގައި ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ހިންގަވާފައެވެ.

ރައީސް ނަޝީދު ކެމްޕޭން ކުރެއްވީ "ބޮޑު ބަދަލު" ޝިއާރުގެ ދަށުންނެވެ. އެމަނިކުފާނުގެ ކެމްޕޭން ބޮޑަށް ބިނާކުރެއްވީ ސިޔާސަތުތަކަށާއި، ކުރިމަގުގައި އެމްޑީޕީގެ ސަރުކާރަކުން ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ބަދަލުތަކުގެ މައްޗަށެވެ.

މީކާއީލްގެ ކެމްޕޭން ކުރިއަށް ގެންދިޔައީ "އިތުބާރު" ޝިއާރުގެ ދަށުންނެވެ. އޭނާގެ ކެމްޕޭންގައި މައިގަނޑު ގޮތެއްގައި އަމާޒު ހިފީ ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕާޓީ ތައްޔާރުކުރުމުގެ މައްޗަށެވެ.

މި އިންތިޚާބު ބާއްވަނީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދުގެ ކެމްޕޭނަށް ތާއީދުކުރަނީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރާ މެންބަރުންނެވެ. މީކާއީލްގެ ކެމްޕޭނަށް ތާއީދު ލިބެމުންދަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޕާޓީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދަށް ތާއީދުކުރާ މެންބަރުންގެ ފަރާތުންނެވެ.

ޕާޓީގެ ރައީސް ޝާހިދު ވިދާޅުވެފައިވަނީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެއްވެސް ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދު ނުކުރަށްވާ ކަމަށެވެ.

މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް 241 މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމް ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދާއި އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި އަލްއުސްތާޛު ހަސަން ލަތީފް އާއި އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ހިމެނިވަޑައިގަންނަވަ އެވެ.



ކިޔުންތެރިންގެ ހިޔާލު