ފުލުހުންގެ ލޯންޗެއްގައި ޑިއުޓީގައި އުޅެނިކޮށް ކަނޑަށް ގެއްލުނު ފުލުސް އޮފިސަރު ހޯދުމަށް ކުރިއަށްގެންދިޔަ ނާޒުކު އޮޕަރޭޝަނުގައި އަމިއްލައަށް އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދިން ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ޚާއްޞަ ޝުކުރެއް އަދާކުރައްވައިފިއެވެ.

މި އޮޕަރޭޝަނުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލް އާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 11 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ފުލުހުންގެ 'ލޯންޗު 57' ގައި ޑިއުޓީ އަދާކުރަމުން ދަނިކޮށް ގެއްލުނު އޮފިސަރު ހޯދުމަށާއި، އޭނާގެ ހަށިގަނޑު ކަނޑުގެ އަޑިން ރިކަވަރ ކުރުމުގެ އުނދަގޫ މަސައްކަތުގައި މި ދެ ޑައިވަރުން ވަނީ ނުހަނު މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިނިސްޓަރު އިހުސާނާއި ކޮމިޝަނަރު ވަނީ މި ދެ ބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ބޭފުޅުން ދެއްކެވި ހިތްވަރާއި ބެހެއްޓެވި ގާތްކަމަށްޓަކައި ތަޢުރީފު ކުރައްވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، އެ ނާޒުކު ދަނޑިވަޅުގައި އަމިއްލަ އިސްނެގުމުގެ މަތިން ޤައުމީ ޚިދުމަތަކަށް ނުކުމެ އެހީތެރިވެދިން ކަމަށްޓަކައި، އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި މުޅި ފުލުހުންގެ މުއައްސަސާގެ ނަމުގައި ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން، މިފަދަ ހިތާމަވެރި އަދި ކުއްލި ހާލަތްތަކުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ދިވެހި މުޖުތަމަޢުގައި އޮތް އެއްބައެއްވަންތަކަމާއި، އޯގާތެރިކަމުގެ ރީތި ނަމޫނާއެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މިފަދަ ކަންކަމުގައި ނަތީޖާ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ބާރުކަންވެސް މިނިސްޓަރާއި ސީޕީ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު