ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އެމްޑީޕީއަކީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދަމަހައްޓައި، ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު" ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މީކާއީލް ވިދާޅުވީ، ޕާޓީ ކުރިއަށް ގެންދެވޭނީ އެމްޑީޕީގެ 'ސިޔާސީ ކުޅިބައި' މިހާރު އެތުރިފައިވާ ގޮތުގެ ހަގީގަތް ހެޔޮ ހިތުން ގަބޫލުކޮށްގެން ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕާޓީ ޓިކެޓަށް ޝައުގުވެރިވާ ފަސް ބޭފުޅުން އެބަތިއްބެވި ކަމަށާއި، އެ ބޭފުޅުންގެ ފަހަތުގައި އެތައް އާންމު މެންބަރުންނެއް ތިބުމަކީ މިއަދުގެ ހަގީގަތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީކާއީލް ވަނީ އޭނާގެ ވާދަވެރި ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ރައްދެއް ދެއްވާފައެވެ.

"އަޅުގަނޑުމެން ކުރިއަށްދާން ބޭނުންނަމަ، އަޅުގަނޑު ހިތަށް އަރަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ފަރުދަކު ނިކުންނައިރު، އޭނާއަކީ ރައީސް، ތިމަންނާއަކީ ބޮޑުވަޒީރޭ ބުނެ މަގާމު ބަހާ ނިކުތީމާ އެ އެއްބައިވަންތަކަން މި ޕާޓީގައި ހިފެހެއްޓޭބާއޭ. ނޫން ނުހިއްފެއްޓޭ،" މީކާއީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ބީދައިން އަމަލުކުރުމުން 2028އާ ހަމައަށް ދާއިރު ޕާޓީގެ ސަފުތައް އަލުން ރޫޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ހަމަހަމަ ފުރުސަތާއި ބާކީނުކުރުން

މި އިންތިޚާބުގައި އޭނާއާއެކު ނެތް ބޭފުޅުން ވެސް ބާކީނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މީކާއީލް ވިދާޅުވީ، ޗެއާޕާސަން ކަމަށް އޭނާ އިންތިޚާބުވެއްޖެ ނަމަ، ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދީ، ޕާޓީގެ "ތިލަފަތް" ވަކި އަތަކަށް ބުރަނުވާނެކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީއަކީ ކޮންމެ ހަސަބަކުން ނުވަތަ ނަސަބަކުން އައި މީހަކަށް ވީނަމަވެސް، ޒުވާނުންނާއި އަންހެނުންނަށް ޕާޓީގެ އެންމެ މަތީ މަގާމުތަކާ ހަމައަށް ވާސިލުވެވޭނެ ޖާގަ އޮތް ޕާޓީއަކަށް ހަދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެތެރޭގެ އިންތިޚާބެއްގައި ނަގާ ކޮޅެއްގެ ސަބަބުން، މެންބަރުންގެ ސިޔާސީ މުސްތަޤުބަލު ބަނަކޮށްލާ ޕާޓީއަކަށް އެމްޑީޕީ ވިޔަ ނުދެއްވާނެ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ލީޑަރޝިޕަށް އިތުބާރު އޮވެގެން ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޖޫން މަހުގެ 12 ވާ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ޕާޓީގެ ސަފުތައް ބަދަހިކޮށް ލީޑަރޝިޕަށް އޮތް އިތުބާރު އާކުރުމަށްޓަކައި އޭނާއަށް ވޯޓު ދެއްވުމަށް މީކާއީލް ވަނީ ހުރިހާ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު