މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ފެންބޮޑުވުމުގެ ކާރިސާތަކަށް އަވަސް އިޖާބައެއް ދިނުމަށްޓަކައި، ޖަޕާން ސަރުކާރުގެ އެހީގައި ލިބިފައިވާ ފެންހިއްކާ ޕަންޕުތައް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

މި ސާމާނުތަކަކީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބިފައިވާ 40 ޕަންޕު، ފުރަތަމަ ބުރުގައި 20 ރަށަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިހާތަނަށް ފަސް ރަށެއްގެ ކައުންސިލާ މި ތަކެތި ވަނީ ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ ރ. އިނގުރައިދޫ، ކ. ކާށިދޫ، މ. މުލައް، އއ. ފެރިދޫ އަދި ތ. ކަނޑޫދޫއެވެ. މީގެ ތެރެއިން ކޮންމެ ރަށަކަށް ދެ ޕަންޕާއި، އެ ޕަންޕުތައް ހިންގުމަށް ބޭނުންވާ އިތުރު ސާމާނުތައް ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއެވެ.

އެންޑީއެމްއޭއިން ބުނީ ވިދާޅުވީ މި ޕަންޕުތައް ފޯރުކޮށްދޭނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ، މީގެ ކުރިން އެ އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް އިސްކަންދީގެން ކަމަށެވެ. މިއީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދެވަނަ ބުރުގެ ދަށުން އިތުރު 15 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ އިހަވަންދޫ، ދިއްދޫ އަދި އުލިގަން ހިމެނޭއިރު، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، ކ. ގާފަރު، ތ. ބުރުނީ، ދ. ހުޅުދެލި، ފ. އަތޮޅުގެ މަގޫދޫ އާއި ބިލެއްދޫގެ އިތުރުން ގދ. ހޯޑެއްދޫ އަދި ކަނޑުހުޅުދޫ ހިމެނެއެވެ.

ރާއްޖޭގައި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ރައްޔިތުންގެ މުދަލާއި ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފެންބޮޑުވާ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު