ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން، އެމެރިކާއިން އީރާނަށް ރައްދުގައި ހަމަލާ ދޭން ފަށައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 17:00 (ޖީއެމްޓީ ގަޑިން 22:00) ގައި އެމެރިކާގެ ފައުޖުތަކުން އީރާނަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ. އަދި މި ހަރަކާތަކީ "އީރާނުން ސަބަބެއްނެތި ދެއްކި އިސްނެގުމާ އެކަށީގެންވާ ވަރުގެ ރައްދެއް" ކަމަށް ސެންޓްކޮމް އިން ސިފަކޮށްފައިވެއެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ މި ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ ވައިގެ ދިފާއީ އަދި ރާޑަރު ނިޒާމުތަކަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން އޭބީސީ ނިއުސްއަށް ވިދާޅުވީ އިރާނުން ރޭގެ ވަގުތެއްގައި އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން، އެގައުމަށް ދޭ ރައްދު ހަމަލާތައް "ވަރަށް ވަރުގަދަ އަދި ވަރަށް ބާރުގަދަ" ވާނެ ކަމަށެވެ.ފޯނުން ދެއްވި މި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ ހެލިކޮޕްޓަރު ވައްޓާލި ހާދިސާއަށް އެމެރިކާއިން ރައްދު ދިނުމަކީ "މުހިންމު" ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް ދަނީ ރައްދު ދެމުން،މިއީ ރޭގެ ވަގުތެއްގައި އެމެރިކާގެ ހެލިކޮޕްޓަރަށް އެމީހުން ކުރި ކަންތަކަށް ދެވޭ ރައްދެއް. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްދު ވާންޖެހޭނީ ވަރަށް ވަރުގަދަ، ވަރަށް ބާރުގަދަ ރައްދަކަށް. މި ހަމަލާއަކީވެސް އެފަދަ ހަމަލާއެއް." ޓްރަމްޕް ވިދާޅުވި ކަމަށް އޭބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ.

ވައްޓާލި އެމެރިކާގެ އެޕާޗޭ ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިން ސަލާމަތްކޮށްފައިވަނީ އެމެރިކާގެ ކަނޑުގެ ޑްރޯންއަކުންނެވެ.

ހެލިކޮޕްޓަރު ވެއްޓުނުކަން ހާމަކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ނިޔުޔޯކް ޓައިމްސްއިންނެވެ. ނިޔުޔޯކް ޓައިމްސް ބުނި ގޮތުގައި މިއީ އެމެރިކާ ސިފައިން ބޭނުންކުރާ އެންމެ މޮޅު ހެލިކޮޕްޓަރު ކަމަށްވާ "އަޕާޗޭ އޭއެޗް 64" މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ ހަނގުރާމައިގެ އުނދަނގޫ ދަތި ތަންތަނުގައި ވެސް ވަރަށް ބަރާބަރަށް މަސައްކަތްކުރާ މެނޫވެރަބިލިޓީއާއި ލީތަލިޓީގެ ގާބިލުކަން ލިބިފައިވާ ހެލިކޮޕްޓަރެއް ކަމަށް އެމެރިކާ ސިފަކުރާ ހެލިކޮޕްޓަރެކެވެ.



ކިޔުންތެރިންގެ ހިޔާލު