މި ސަރުކާރުން 60 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، މިހާތަނަށް ސަރުކާރުން ނަގާފައިވަނީ 24 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިއަދާ ހަމައަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 150 ބިލިއަން ރުފިޔާގައި ކަމަށްވާއިރު، ހިސާބުތަކުން ސާފުކޮށް ފެންނަން އޮތީ މި ސަރުކާރުން އިތުރުވީ ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރަނި އިތުރުވީ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް

ސަލީމް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ދައުރުގައި އިތުރުވި 24 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ބަޖެޓް ޑެފިސިޓް (އާމްދަނީއަށްވުރެ ޚަރަދު އިތުރުވުން) ފޫބެއްދުމުގެ ގޮތުން ނަގަންޖެހުނު ދަރަންޏެކެވެ.

"އޭގެ މާނައަކީ ގާތްގަނޑަކަށް މިދިޔަ ހުރިހާ ދުވަހެއްގެ ތެރޭގައި މިއޮތީ ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާ އޭ މިސަރުކާރަށް ދަރަނި ނެގިފަ. އެއީ ބަޖެޓް ޑެފިސިޓް ފޫބެއްދުމުގެ ގޮތުން،" ސަލީމް ވިދާޅުވިއެވެ.

ދައުލަތުގެ ދަރަަންޏާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ސަލީމް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުން 60 ބިލިއަންގެ ދަރަނި ނަގާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށާއި، ރަސްމީ ހިސާބުތަކުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ވިސްނުމަށް އޭނާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތާއި ދަރަނީގެ ހާލަތު ހަގީގަތް ހާމަކުރާ ރަސްމީ މައުލޫމާތުތައް ކޮންމެ ދުވަހަކުވެސް ސާފުކޮށް ފެންނަން އެބަހުރި ކަމަށާއި، ހަގީގަތް އޮޅުވާނުލެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު