އެމަނިކުފާނު ހުންނެވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު ގަދަކޮށްކަމަށާއި މަޤާމުން އިސްތިއުފާ ދެއްވީ ޤާބިލް މީހުންނަށް ފުރުސަތު ދޭން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި، ޔޫކްރެއިން ހަނގުރާމައަށްފަހު މިހާރުވެސް ދުނިޔެ އޮތް ނުތަނަވަސް ހާލަތުގެ ސަބަބުން ކޮންމެ ދުވަހަކު މިނިސްޓަރުން ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ޚާއްޞަކޮށް ރައީސް ނިންމަވާ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި، ނޭޓޯ އާއި ބޭރުގެ އެކި ޖަމާއަތްތަކާ ގުޅައިގެން ދުނިޔެއަށް އަންނަ ބަދަލުތައް ހެނދުނާއި ހަވީރު ބަލަންޖެހޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"މިކަހަލަ ހާލަތެއްގަ އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މިވަގުތު އެތަނަށް ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްޙީ ހާލަތު ހުރެގެން، ދާންދެންވެސް އަޅުގަނޑު ހަމަ އެއަށް ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ؟ އެއީ ޕާޓީއަށް އަޅުގަނޑު ކޮށްދޭ ރަނގަޅު ކަމެއް ނޫން،" ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމީރު އިތުރަށް ވިދާޅުވީ ޕާޓީގައި ގާބިލު ބޭފުޅުން އެބަތިއްބެވި ކަމަށާއި، އެބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން އެއްފަރާތަށް ޖެހިލީ ކަމަށެވެ. ނަމަވެސް، މިއީ މުޅިން ވަކިވުން ނޫން ކަމަށާއި، ސިއްޙީ ހާލަތު ރަނގަޅުވުމުން އެއްފަރާތަށް ޖެހިލާފައި އަނެއްކާވެސް އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޒަމީރު ދެއްވިއެވެ.

ޕާޓީގެ އިލެކްޝަނަކަށް ވިޔަސް ނުވަތަ މާލަމަކަށް ދާން ބޭނުންވި ކަމުގައިވިޔަސް، ޕާޓީން ބޭނުންވާ ކޮންމެ ދުވަހަކު ހުންނަވާނީ ތައްޔާރަށް ކަމަށް ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީން ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު މިހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާ އެކީގަ، ހަމަ އަނެއްކާވެސް އަޅުގަނޑާ ހަވާލުކުރައްވާ މަސައްކަތެއް ކުރަން، މި ޕާޓީއާ މި ފިކުރު ކުރިއެރުވުމަށްޓަކާ،" ރައީސް މުޢިއްޒުގެ ސަރުކާރާއި ޕީއެންސީގެ ފިކުރާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވަމުން ޒަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު