ނެދަލޭންޑްސްގެ އާ ސަފީރު ރައީސް އަށް ފަތްކޮޅު އެރުވުން، ފޮޓޯ: ރައީސް އޮފީސް
ނެދަލޭންޑްސްގެ އާ ސަފީރު ރައީސް އަށް ފަތްކޮޅު އެރުވުން، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

މިކަމަށް އެއްބަސްވެފައިވަނީ ނެދަލެންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ވީބޭ ޔަކޮބް ޑި ބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ދިވެހި ސަގާފީ 'ހައިކޮޅު' ގައި، އެމް.އެން.ޑީ.އެފްގެ ބެރުދުންމާރި ތާޅަފިލީގެ ލަޝްކަރާއެކުގައެވެ. ރައީސް ވަނީ ސަފީރުގެ ފަތްކޮޅު ގަބޫލުފުޅު ކުރައްވައި، ނެދަލެންޑްސްގެ އާ ސަފީރުގެ ހައިސިއްޔަތުން ވީބޭ ޔަކޮބް ޑި ބޯއަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އުމްރާނީ ތަރައްގީއާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، އަދި އިންސާނީ ހައްގުތަކުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ނެދަލެންޑްސްގެ އެހީތެރިކަން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުންވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 3 ސެޕްޓެމްބަރު 1979 ގައެވެ.



ކިޔުންތެރިންގެ ހިޔާލު