ޗައިނާގެ އަލީބާބާ، ބައިދޫ އަދި ބީ.ވައި.ޑީ
ޗައިނާގެ އަލީބާބާ، ބައިދޫ އަދި ބީ.ވައި.ޑީ
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް (ޕެންޓަގަން) އިން ޗައިނާގެ އެންމެ ނުފޫޒުގަދަ ބައެއް ކުންފުނިތައް ކަމަށްވާ އަލީބާބާ، ބައިދޫ އަދި އިލެކްޓްރިކް އުޅަނދު އުފައްދާ ބީ.ވައި.ޑީ، އެ ޤައުމުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ލިސްޓުގައި ހިމަނައިފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިން އެޅި މި ފިޔަވަޅާއެކު، ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

"1260އެޗް ލިސްޓް" ނުވަތަ ޗައިނާގެ އަސްކަރީ ކުންފުނިތަކުގެ ލިސްޓުގެ ނަމުން މަޝްހޫރު މި ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ 2025 ވަނަ އަހަރުގެ ކުރީކޮޅު ނެރުނު ލިސްޓުގެ ބަދަލުގައި އެކުލަވާލި އާ ލިސްޓެކެވެ. މި އިއުލާން ނެރެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބެއިޖިންގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވިތާ މަހެއްހާ ދުވަސް ނުވަނީހެވެ.

ޕެންޓަގަނުން އަލަށް ނެރުނު ލިސްޓުގައި ޗައިނާގެ ޓެކްނޮލޮޖީ، އުފެއްދުންތެރިކަން އަދި ބަޔޯޓެކްނޮލޮޖީ ދާއިރާގެ ގިނަ ކުންފުނިތަކެއް ވަނީ ހިމަނާފައެވެ. މި ކުންފުނިތަކުން ޗައިނާގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް އެހީތެރިވާ ކަމަށް ޕެންޓަގަނުން ތުހުމަތު ކުރެއެވެ.

މި ލިސްޓަށް އަލަށް އިތުރުކުރި ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:

* އަލީބާބާ ގްރޫޕް: ޗައިނާގެ އީ-ކޮމާސްގެ އެންމެ ބޮޑު ކުންފުނި.

* ބައިދޫ: އިންޓަނެޓް ސާޗް އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނި.

* ބީ.ވައި.ޑީ (BYD): ދުނިޔޭގައި އެންމެ ގިނައިން އިލެކްޓްރިކް އުޅަނދު އުފައްދާ ކުންފުނި.

* ވޫޝީ އެޕްޓެކް (WuXi AppTec): ބަޔޯޓެކްނޮލޮޖީގެ ބޮޑު ކުންފުނި.

* ރޮބޯސެންސް ޓެކްނޮލޮޖީ (RoboSense Technology): އަމިއްލައަށް ދުއްވާ އުޅަނދުފަހަރުގެ ޓެކްނޮލޮޖީ އުފައްދާ ކުންފުނި.

* ޔުނިޓްރީ ރޮބޮޓިކްސް (Unitree Robotics): ރޮބޮޓް އުފެއްދުމުގައި ކުރިއަރާފައިވާ ކުންފުނި.

* މެމޮރީ ޗިޕް އުފައްދާ ސީ.އެކްސް.އެމް.ޓީ (CXMT) އަދި ވައި.އެމް.ޓީ.ސީ (YMTC).

ޕެންޓަގަނުގެ މި ނިންމުމާ ގުޅިގެން ބައެއް ކުންފުނިތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަލީބާބާއިން ބުނި ގޮތުގައި އެ ކުންފުނި މި ލިސްޓުގައި ހިމެނުމަކީ އެއްވެސް އަސާސެއް ނެތް ކަމެކެވެ. އަދި އެއީ އަސްކަރީ ކުންފުންޏެއް ނޫން ކަމަށާއި ޗައިނާގެ އަސްކަރީ ކަންކަމުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ. ބައިދޫއިން ވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށް، އެ ނިންމުން ބަދަލުކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައެވެ. ވޫޝީ އެޕްޓެކް ކުންފުނިން ވެސް ވަނީ އެ ކުންފުނި ލިސްޓުގައި ހިމެނުމަކީ ނުބައި ނިންމުމެއް ކަމަށް ބުނެ، ލިސްޓުން އުނިވުމަށް މަސައްކަތް ކުރާނެ ކަމަށް އިއުލާންކޮށްފައެވެ.

ވޮޝިންޓަނުގައި ހުންނަ ޗައިނާގެ އެމްބަސީން މި ފިޔަވަޅު ކުށްވެރިކޮށް ބުނެފައިވަނީ، އެމެރިކާއިން ނުހައްގުން ޗައިނާގެ ކުންފުނިތަކަށް އަމާޒުކުރަމުންދާ ކަމަށެވެ. ޗައިނާގެ ކުންފުނިތަކާ މެދު ތަފާތުކުރުންތައް ގެންގުޅޭ މިފަދަ ލިސްޓުތައް ހެދުން ހުއްޓާލުމަށާއި، ހަމަހަމަ ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދިނުމަށް ޗައިނާއިން ވަނީ އެމެރިކާއަށް ގޮވާލާފައެވެ. ޕެންޓަގަނުގެ މި ލިސްޓުގައި ހިމެނުމަކީ ސީދާ ދަތިކުރުމުގެ ފިޔަވަޅު އެޅުން ނޫން ނަމަވެސް، މީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.

މި މަހުގެ ފަހުކޮޅުން ފެށިގެން، ލިސްޓުގައިވާ ކުންފުނިތަކާއެކު ސީދާ އެއްބަސްވުންތައް ހެދުން ޕެންޓަގަނަށް މަނާވާނެއެވެ. 2027 ވަނަ އަހަރުން ފެށިގެން، ތިންވަނަ ފަރާތްތައް މެދުވެރިކޮށް ވެސް މި ކުންފުނިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ހޯދުން ޕެންޓަގަނަށް މަނާވާނެއެވެ.

އެމެރިކާއިން އަޅަން ނިންމި މި ފިޔަވަޅުތަކުގެ މަގްސަދަކީ ޗައިނާގެ އަސްކަރީ މަގްސަދުތަކަށް އެހީވާ ކަމަށް ބެލެވޭ ކުންފުނިތަކަށް އެމެރިކާ ސަރުކާރުން ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

މި ލިސްޓަކީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުން އެ ގައުމުގެ އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކާ މެދު ވޮޝިންޓަނުން ކުރާ ކަންބޮޑުވުންތައް ހާމަވާ ކަމެކެވެ.

އެމެރިކާގެ ހައުސް ސެލެކްޓް ކޮމިޓީ އޮން ޗައިނާގެ މުގައްރިރު ޖޯން މޫލެނާރު ވިދާޅުވީ، މި ކުންފުނިތަކަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާއާ ގުޅިގެން މަސައްކަތްކުރާ ކުންފުނިތަކެއް ކަމަށެވެ. މި ނިންމުމަކީ އާޓިފިޝަލް އިންޓެލިޖެންސް، ސެމީކޮންޑަކްޓަރ، ރޮބޮޓިކްސް އަދި ބަޔޯޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން ދެ ގައުމުގެ މެދުގައި އޮތް ބޮޑު ވާދަވެރިކަން ދައްކުވައިދޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު